މުނިފޫހިފިލުވުން ދިވެހި ސިނަމާ

ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ޔޫއްޕެ ހުޅުވައިލީ ރަނުގެ ފުރުސަތެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެކްޓު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޔޫއްޕެ ޕްރޮޑަކްޝަންއާއި ޝައި ޕްރޮޑަކްޝަން އިން ކާސްޓިން އޮޑިޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

Ads by STELCO

ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރ އަލީ އުސާމް (ދޮނާ) “ދެން”އަށް މަޢުލޫމާތު ދެމުން ބުނީ މާދަމާ ރޭ ހަތަކުން ފެށިގެން ދިހައެއް ޖަހަންދެން ސީޑްބައި ބީސީސީގެ އޮފީހުގައި އޮޑިޝަން ބާއްވަން ނިންމައިފައިވާ ކަމަށެވެ. ދޮނާ ބުނީ މި އޮޑިޝަނުން ފިލްމުތަކުގެ ލީޑް ރޯލަށް ނެގޭ ވަރުގެ ކުދިންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން ދޮނާ ބުނީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި އޮޑިޝަންގައި ބައިވެރިވެވޭނެ ކަމަށާއި އެކި ރޯލް ތަކަށް އެކްޓަރުން ބޭނުންވާ ކަމަށެވެ.އަދި އެކްޓު ކުރަން ޝައުގުވެރިކަން ހުންނަ ކުޑަކުދިންނަށް ވެސް ފުރުސަތު އެބައޮތް ކަމަށް ދޮނާ ބުންޏެވެ. ހަމައެހެންމެ މޭކަޕް އާޓިސްޓުންނާއި ފެޝަން ޑިޒައިނަރުންނަށާއި ވާހަކަ ލިޔަން ބޭނުންވާ މީހުންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި އޮޑިޝަނެއް ބާއްވާނެ ކަމަށް ވެސް ދޮނާ ބުންޏެެވެ.

“ކޮންމެ އޭޖެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެ މި އޮޑިޝަންގަ. ކުޑަކުދިންނަށް ވެސް ފުރުސަތު އެބައޮތް. އެކި ރޯލްތަކަށް ކާސްޓުން ބޭނުންވޭ. މިހާރު ވާހަކަ އެބަ ދެކެވޭ މޭކަޕް އާޓިސްޓުންނާ، ޑިޒައިނަރުންނާ، ވާހަކަ ލިޔަން ބޭނުންވާ މީހުންނަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގަ އޮޑިޝަނެއް ބާއްވަން “ ދޮނާ ބުންޏެވެ.

އެކްޓު ކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ކޮށްގެން ބާއްވާ މި އޮޑިޝަންގައި އެންމެ ބޮޑަށް ބަލާނީ ޑައިލޮގް ކިޔުމަށާއި ކެމެރާ ކުރިމަތީގައި ޖެހިލުން ނުވެ، ފަސޭހަކަމާ އެކު އެކްޓު ކުރެވޭ މީހުން ކަމަށް ދޮނާ ބުންޏެވެ.

“އަސްލު ގިނަ މީހުން ހީކުރަނީ ހުންނަ ސިފައޭ މުހިންމީ. އެކަމް އަސްލު ލުކްސްއަކަށް ނޫން ބަލާނީ. އެކްޓު ކުރުމާ، ޑައިލޮގް ޑެލިވަރީއާ ކެމެރާ ކުރިމަތީގައި ބިރު ނުގަނެ ކޮންފިޑެންސްއާ އެކު އެކްޓު ކުރާ ކުދިން ބޭނުމީ. ވަރަށް ކެރިގެން އެކްޓް ކުރެވޭ ކުދިންނަށް ބަލާނެ” ދޯނާ ބުންޏެވެ.

މީގެ އިތުުރުން ދޮނާ ބުނީ އެކްޓު ކުރުމުގެ ހުނަރު ހުރި މީހުން މި އޮޑިޝަނުން ފެންނަން ބޭނުންވާ ކަމަށާއި އުންމީދަކީ މި އޮޑިޝަންގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުން ކަމަށެވެ.

މި އޮޑިޝަންއަކީ ޔޫއްޕެ ޕްރޮޑަކްޝަންއިން ކުރިޔަށް ނެރެން ހުރި އެކި ފިލްމުތަކަށާއި ޔޫއްޕެ ޕްރޮޑަކްޝަންއާއި ޝައި ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްތަކަށް ކާސްޓުން ހޯދުމުގެ މަގުސަދުގައި ބާއްވާ އޮޑިޝަނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!