ގުރުއާން ޓީޗަރަކާއި ދަރިވަރުންތަކެއް ފައްސިވެ މިލަންދޫ މޮނިޓަރިންއަށް
ށ. މިލަންދޫ ގުރުއާން ޓީޗަރަކާއި އޭނާގެ ދަރިވަރުންތަކެއް ކޮވިޑް-19އަށް ފައްސިވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ސައިފުﷲ އުސްމާން ވިދާޅުވީ އަލާމާތްތައް ހުރެގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި 4 މީހެއް ކޮވިޑް-19އަށް ފައްސިވެފައިވާކަމަށެވެ.
"އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކުން ނެގި 7 ސުންކުގެ ތެރެއިން 4 ސުންކެއް ބައްޔައް ފައްސިވީ. އެއީ 3 ކުޑަކުދިންނާއި ބޮޑު މީހެއް. މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް." ސައިފުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިލަންދޫ މޮނިޓަރިންއަށް ލީ މިރޭ 8:15 ހާއިރު ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދާ ސުންކުތައް ނެގުމަށް ފަހު ރަށުގައި ބަލި ފެތުރިފައިވާ ކުޑަ ބޮޑުމިން ބެލުމަށް ފަހުގައި އިތުރަށް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ނަމަ އެކަން ކުރާނެކަމަށާއި މިވަގުތު އަދި އެރަށުގައި އަޅައިފައި އޮތީ މޮނިޓަރިންއަށް ލުމާ އެކު މަނާ ކުރާ އާއްމު ފިޔަވަޅުތައް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ
މިރޭ މިލަންދޫ މޮނިޓަރިންއަށްލުމާ އެކު މިވަގުތު މޮނިޓަރިންގައިވާ ރަށްރަށުގެ ޖުމްލަ މިވަނީ 16އަށް އަރައިފައެވެ. މޮނިޓަރިންއަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ދުވަސް ވަންދެން މޮނިޓަަރިންގައި އޮތީ ރ ދުވާފަރެވެ. އެރަށް މޮނިޓަރިންއަށް ލައިފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.