އެޑްއެކްސެލް އޭއެސް އިމްތިހާނު އަންނަ އަހަރަށް ފަސްކޮށްފި

އޭ ލެވެލްގެ އެންމެ ފުރަތަމަ އިމްތިހާނު ކަމަށްވާ އެޑްއެކްސެލް އޭއެސް އިމްތިހާނު، އަންނަ އަހަރު ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފިއެވެ.
އެޑްއެކްސެލް އޭއެސް އިމްތިހާނު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖައްސާފައި އޮތީ އަންނަ މެއި/ޖޫންގައެވެ. ނަމަވެސް އަންނަ މަހުގެ 26ގައި ގްރޭޑު 11 ފަށައި، މެއި މަހު އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ފުރިހަމައަށް ތައްޔާރުނުވެވޭނެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމުން މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އެޑިއުކޭޝަނުން ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅައިފައިވާ ގޮތަށް އޭ އެސް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ފަސްކޮށްފައިވާ ކަމަށެވެ.