މުނިފޫހިފިލުވުން

ވެކްސިން ޖަހަން ދެކޮޅު ހެދި އެކްޓަރަކު ކޮވިޑް-19އަށް ފައްސިވެ، ޕްރޮޑިއުސަރުގެ ނުރުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ދެކޮޅު ހެދި ހޮލީވުޑްގެ އެކްޓަރެއް އެ ބައްޔަށް ފައްސިވެ، އޭނާގެ ފަރާތުން އިތުރު މީހުންނަށް ވެސް އެ ބަލި ފެތުރިއްޖެއެވެ.

Ads by Sosun Fihaara

"ދަ ގޯޑްފާދަރ"ގެ ސްޕިނޮފްއެއް ކަމަށްވާ "ދަ އޮފަރ" ގައި ހަރަކާތްތެރިވަމުން އަންނަ އެކްޓަރ މައިލްސް ޓެލަރ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށް ދެކޮޅު ހަދައި، ބައްޔަށް ޓެސްޓު ކުރުމަށް ވެސް ދެކޮޅު ހަދައިފައެވެ.

ޖުލައި މަހުގެ 28 ވަނަ ދުވަހު ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެ ސްޓޫޑިއޯގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ފިލްމުގެ ޕްރޮޑަކްޝަންގެ ތެރޭގައި އުޅެނިކޮށް މީހަކު ކޮވިޑަށް ފައްސިވެގެން އެ ފިލްމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. ފައްސިވެފައި ވަނީ އުމުރުން 34 އަހަރުގެ މައިލްސް ޓެލަރކަން ވެސް ފަހުން އޮފިޝަލު ވަނީ މައުލޫމާތު ދީފައެވެ.

ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރަން ޓީމުގެ އެންމެންނަށް ވެސް އެންގި ކަމަށާއި ނަމަވެސް މައިލްސް އެ ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ވެސް އޮފިޝަލު ބުންޏެވެ.

"އޭނާ ވަނީ ވެކްސިން ޖަހަން ވެސް އަދި ކޮވިޑަށް ޓެސްޓު ކުރަން ވެސް ދެކޮޅު ހަދާފައި. ނަމަވެސް އެއް ދުވަހު މާ ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކޮވިޑް ޖެހިފައިކަން ހުރީ. އޭނާގެ ސަބަބުން މިހާރު ވަނީ މުޅި ސެޓައް އެ ބަލި ފެތުރިފައި. އޭގެ ފަހުން ސެޓުގެ 3 މީހުން ބައްޔަށް ފައްސި ވެއްޖެ" ޑެއިލީ މެއިލަށް މައުލޫމާތު ދެމުން އެ އޮފިޝަލު ބުންޏެވެ.

މީގެ އިތުރުން އޮފިޝަލު ބުނީ، މައިލްސްގެ ޒިންމާދާރުކަން ކުޑަ އެ އަމަލުގެ ސަބަބުން އެ ފިލްމުގެ މަސައްކަތް އަދިވެސް އޮތީ ހުއްޓިފައި ކަމަށާއި އެކަމުގެ ސަބަބުން ޕްރޮޑިއުސަރު ވެސް އޭނާ ދެކެ ރުޅި އައިސްފައި ހުރި ކަމަށެވެ. ނަމަވެސް ފިލްމުން އޭނާ ވަކި ކުރުމުގެ ވާހަކައެއް އަދި ދައްކާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!