ޝަރުޢީ ދާއިރާ

ރިހިވެލީގެ ހުކުމާ ގުޅިގެން ގާޒީގެ މައްސަލައެއް ޖޭއެސްސީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަދަނީ (ސިވިލް) ކޯޓުގެ ގާޒީ އަލީ ނަސީރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.

Ads by MWSC

ގާޒީ އަލީ ނަސީރުގެ މައްސަލައެއް ޖޭއެސްސީ އަށް މިއަދު ހުށަހަޅުއްވައިފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުއެވެ.

ރިހިވެލި ރިސޯޓު ހިންގުމަށް ހަދައިފައިވާ އެއްބަސްވުމެއްގެ މައްސަލައިގައި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސުންނެވެ. އެ ފަރާތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ނާޒިމްއެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރައްވައިފައި ވަނީ އަލީ ނަސީރެވެ.

ޖޭއެސްސީގެ ރައީސް ހިސާން ޙުސެއިންއަށް އެޑްރެސް ކުރައްވާ، ގާޒީ ނަސީރާ ދެކޮޅަށް މިއަދު ހުށަހެޅި މައްސަލައިގައި ވަކީލު ވިދާޅުވީ، މިއީ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީސް އެއްބަސްވުން ދެމެހެއްޓުމަށް، މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރި މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ، ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއެކު މާހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލްކުރުމަށް މާހަލްއިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލްކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށް ވެސް ހުކުމްގައިވެއެވެ.

ޖޭއެސްސީއަށް ވަކީލު ނާޒިމް ހުށަހަޅާފައިވާ މައްސަލައިގައި ވިދާޅުވެފައި ވަނީ، ސިވިލް ކޯޓުން މި ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހުގެ 15:50 ހާއިރު ކަމަށާއި ނަމަވެސް މި ހުކުމާ އެކު މާލެ އަތޮޅުގެ ދެކުނުގައި އޮތް ރިހިވެލި ރިސޯޓަށް މާހަލް ޓުއާސްއިން އެރިއިރު ގަޑިން 16:15 ކަމަށެވެ. މައްސަލައިގައިވާ ގޮތުން ލޯންޗެއްގައި މާލެއިން ފުރައިގެން ރިހިވެލި ރިސޯޓަށް ދެވޭނީ ކަނޑުމަޑު ދުވަހެއް ނަމަ 45 މިނެޓުން ކަމަށެވެ.

އެ ދުވަހުގެ 16:15 ގައި ރިހިވެލި ރިސޯޓަށް އެރި މީހުންގެ އަތުގައި އޮތް މާހަލް ޓުއާސްގެ ސިޓީގައި ގަޑިއަކަށް ޖަހައިފައި އޮތީ 16:05 ކަމަށާއި އެހެންކަމުން ހުކުމް ކުރުމާއި ރިހިވެލި ރިސޯޓަށް އެރި މީހުން އެރި ގަޑިއާ ދެމެދު 45 މިނެޓް ނުވާ ކަން އެނގޭ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ފާހަގަ ކުރައްވައިފައިވެއެވެ.

މިހެންކަމުން ކޯޓުގެ ނަންބަރު 3121/Cv-C/2020 ގަޒިއްޔާގައި ކުރަން އޮތް ހުކުމެއް، ދައުވާ ލިބޭ ފަރާތަށް އެނގިފައި އޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!