އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ސެކްރެޓޭރިއެޓަށް ހުށަހަޅުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މީގެކުރިން ވަނީ ދެއްވާފަ އެވެ. އެކަން ހާމަކުރައްވާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބޭއްވި ވަކީލުންގެ ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައި މުއުތަސިމަށް ވަނީ ފަރުވާ ވެސް ދެއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވުމަށް މުއުތަސިމް މިއަދު ވަނީ ރިޓަޔާމަންޓް ސަބްމިޝަން ހުށަހަޅުއްވާފަ އެވެ. އެހެންނަމަވެސް ރަސްމީކޮށް މަގާމުން ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމަންޓުގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން ނިންމުމުންނެވެ.
މުއުތަސިމް ބެޗިލަ އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އަދި 1994 ވަނަ އަހަރު ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓަ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވަނީ 1994 އިން 2001 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާފަ އެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.
އޭގެފަހުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް މަސައްކަތް ކުރައްވާފައި ވަނީ ކްލިޕަ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގަ އެވެ.
މުއުތަސިމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ލޯ ކޮމިޝަނާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެ އެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމުގެ ނަންފުޅު އޭރުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އެވެ. އެ މަގާމަށް 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތް ކުރައްވާފައިވެ އެވެ.
ދެ ވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެމަނިކުފާނު އައްޔަންކުރައްވަން ފޮނުއްވީ 2019 ވަނަ އަހަރު އެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެމަނިކުފާނުގެ ނަންފުޅު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. މަގާމުގެ ހުވާކުރެއްވީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އެންމެ ގިނަ ދުވަހު އަދާކުރެއްވި މުއުތަސިމް ރިޓަޔާކުރައްވަން ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރެއްވުމަށް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނީ މަޖިލިހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދަނިކޮށެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ ބަދަލުގައި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މަގާމަށް އައްޔަންކުރައްވާފަ އެވެ.
