ވަގު ސިނގިރޭޓު މައްސަލައިގައި ހޯކްސްގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެކި ނެތް

ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 84،000 ސިނގިރޭޓު ފޮށި ރާއްޖެއަށް ވަގަށް އެތެރެ ކުރި މައްސަލައިގައި އެކުންފުންޏާއި އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ކަސްޓަމްސްއިން ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވި މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ވަނީ ނިންމައިފަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މިމައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާތީ އިތުރު ހެކި ލިބިއްޖެނަމަ ހޯކްސް ކުންފުނީގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކަސްޓަމްސްއިން ދައުވާ ކުރަން ޕީޖީއަށް ފޮނުވި މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތީ ހޯކްސް ކުންފުނީގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެހެންވެ އެ ދެ ފަރާތުގެ ބައި މިދިޔަ ޖޫން 10 ގައި ކަސްޓަމްސްއަށް އަނބުރާ ވަނީ ފޮނުވާލައިފަ އެވެ.
ކަސްޓަމްސްއިން ކުރި ތަހުގީގުގައި ދެ ފަރާތަކަށް ދައުވާ ނުކުރަން ނިންމި ނަމަވެސް މިމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންވެސް ކުރިއަށް ގެންދާކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމުން މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަށް ދައުވާ ކުރުމާއިމެދު ގޮތެއް ނިންމާނެކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.
މިމައްސަލައަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެންމަތިވި މައްސަލައެކެވެ. މިމަހުގެ 8 ވަނަ ދުވަހު ދައުވާ ކުރަން ނިންމާފައިވަނީ އާދަމް ރަމީޒާއި މުހައްމަދު ނަސީރު އަދި މުހައްމަދު ދީދީ ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައާއި ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 11 މީހަކާއި ބަންގްލަދޭޝް ދެ މީހަކާއިއެކު ނަސޭހަތުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ. ޕީޖީ އޮފީހުން އެގޮތަށް ނިންމީ އެމީހުން ކުށަށް އިއުތިރާފުވެފައިވާތީ އެވެ.