ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ޖޭސްސީން މިއަދު ކުރި އިއުލާނުގައި ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި:
- 30 އަހަރުވެފައިވުން
- އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
- ފަނޑިޔާރު/ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން
- ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން
ފަނޑިޔާރު ކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާއިރު، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމައި ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން ފަނޑިޔާރުން ވަކިކުރަން މަޖިލިހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ޖޭއެސްސީން ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މައްސަލައިގައި އަމަލުކުރަމުންދިޔަ ގޮތާ މެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، އުއްތަމަ ފަނޑިޔާރު ކަމުން ވަކިވެވަޑައިގެންނެވުމަށް މުއުތަސިމް ވަނީ ރިޓަޔާމަންޓް ސަބްމިޝަން ހުށަހަޅުއްވާފަ އެވެ.
