ރައީސް ނަޝީދާ އެކު އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގެއް ނެތް: އިދިކޮޅު
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީއިން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ އެކު މަޝްވަރާ ކުރުމުގެ ޝައުގެއް ނެތް ކަމަށް އިދިކޮޅުން ހާމަކޮށްފިއެވެ.
ޕީޕީއެމްއާ އެކު ސިޔާސީ މަޝްވަރާ ކުރާނީ އިންޑިއާއަށް ބަދުބަސް ބުނުން ހުއްޓައިލާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދާ އެކު އެއްވެސްކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރިކަމެއް އަދި މަޝްވަރާކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވުމުގެ ވާހަކަ ދެއްކެވީ އޯލް ޕާޓީ އެގްރީމެންޓެއްގެ ދަށުން ބައެއްކަންކަން ކުރުމުގައި ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް މަސައްކަތް ކުރެވޭނީ ވަކި ކަހަލަ ސިޔާސަތުތަކަކަށް އެއްބަސް ވެވިގެން ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ޕޯޑިއަމްތަކުގައި އިންޑިއާއާއި އެހެނިހެން ގައުމުތަކާ ގުޅުވައިގެން ބަދުބަސް ނުބުނެ، ޚާރިޖީ ސިޔާސަތުތަކަށް އިޙްރިރާމް ކުރުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކަނޑައެޅިގެން ދަންނަވަން އެބަ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން. އޭގެ ތެރޭގައި އިންޑިއާއަށް ބަދު ބަސް ނުބުނުން އެއީ ބޭނުންތެރި ކަމެކޭ. އެގޮތަށް އެ ބޭފުޅުންގެ ސިޔާސަތުތައް ބައްޓަން ވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ވިދާޅުވެފައެވެ. އެހެން ނަމަވެސް އިދިކޮޅުން އަބަދުވެސް ބުނަމުން ގެންދަނީ ރައީސް ނަޝީދުގެ ވިސްނުމާއި އިދިކޮޅުގެ ވިސްނުން ވަރަށް ދެ ގޮތް ކަމަށާއި އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވެސް ވަނީ އިދިކޮޅާ ގުޅިގެން އެމްޑީޕީއިން މަސައްކަތް ނުކުރާނެ ކަމަށާއި އެއީ މަލްޓި ޕާޓީ ސިސްޓަމާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ.