ޚަބަރު

ރަސްދޫގެ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމައިލެވޭނެ: ސްޓެލްކޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އއ. ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

Ads by STELCO

ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލުމަށް އަމާޒު ހިފައިފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށް ޓަކައި ސްޓެލްކޯއިން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

"މިވަގުތު ރަސްދޫ އިންޖީނުގޭގައި ހިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކު. އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް. އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް. " ސްޓެލްކޯ އިން ބުނެފައިވެއެވެ.

އެ އިންޖީނުގެ އިމާރާތް ކުރެވެމުންދަނީ ހިދުމަތަށް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި ކަމަށާއި ރަސްދޫގައި އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

"މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން. އަދި އޮންލައިން މޮނިޓަރިންގއާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް." ސްޓެލްކޯ އިން ބުނެފައިވެއެވެ.

ސްޓެލްކޯގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާ އެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ޚިދުމަތެއް އެ ކުންފުނިން ރަސްދޫގައި ދެވިގެންދިއުން ކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!