ގޭބަންދުގައި ހުންނެވި އިރު މިނިސްޓަރ އިމްރާން ޢީދު ފާހަގަ ކުރެެއްވި މައްސަލަ ވެސް ބަލަން ގޮވައިލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމް ތަންފީޒު ކުރަން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، އެއިރު ގޭބަންދުގައި ހުންނަވައި ފިތުރު އީދު ފާހަގަކުރި މައްސަލަ ވެސް ބެލުމަށް އިދިކޮޅު ޕީޕީއެމްއިން ގޮވައިލައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭބަންދުގައި ހުންނަވައިގެން ޢީދުގައި ބެލްކަންޏަށް ނުކުމެ ފެންކުޅި ކުޅުއްވި މިނިސްޓަރ އިމްރާންއަށް ފުރަތަމަ ފިޔަވަޅު އެޅުއްވުމަށެވެ. އަދި ގޭބަންދުގައި ތިބެ ސިޔާސީ ޕާޓީ ހެދި މީހުންނަށް ވެސް ފިޔަވަޅު އެޅުމަށް ހީނާ ގޮވައިލެއްވިއެވެ.
ހީނާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު މާލޭގައި "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލައި ހިތްވަރު ދެއްވުމާ ގުޅިގެން އެމަނިކުފާނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނުމާ ގުޅިގެންނެވެ.

މަނީ ލޯންޑަރިން ކުރިކަމުގެ ކުށް ސާބިތުވެ މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުޑަ ދޮރުން ބޭރުން އިހުތިޖާޖުގެ ބައިވެރިންނަށް ފެނިލައްވައި، ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވެސް ވިހުރުވައިލައިފައެވެ.
ރައީސް ޔާމީންގެ އެ ޢަމަލާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ރައީސް ޔާމީން މިއަދު ޢަމަލު ކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.