ފުލުހަކު ކުޑަ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ: އައްޑޫ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފި
އައްޑޫގައި ފުލުހަކު އުމުރުން 16 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި، އެ ފުލުސް މީހާ ހައްޔަރު ކުރުމަށް ގޮވައިލައި އާންމުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ބާރުގެ ބޭނުން ކޮށްފިއެވެ.
ހިތަދޫގައި ކުރި މިމުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އެ ފުލުސް މީހާ ހައްޔަރު އަވަހަށް ހައްޔަރު ކުރުމަށާއި ހިމާޔަތް ނުކުރުމަށެވެ. އަދި އާންމުންގެ ތެރޭގައި އޭނާ ބިޑި އަޅުވައިގެން ގެންދިޔުމަށާއި މޫނު ވެސް ނިވާ ނުކުުރުމަށް މުޒާހަރާގެ ބައިވެރިން ގޮވައިލަމުން ދެއެވެ.
އެނގިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ކުރިމަތިލުމަކަށް ގޮސްފައި ވަނީ ވެސް ތުހުމަތު ކުރެވޭ މީހާއަށް ހިމާޔަތް ދީގެން ގެންދިޔުމުންނެވެ.
އެ ސަރަޙައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށް، އެއްވެސް އިންޒާރަކާ ނުލައި މުގުރުން ވެސް އެމީހުން ގައިގައި ތަޅައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި ކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ތުހުމަތު ކުރެވޭ ފުލުސް މީހާ އެ ކުއްޖާ ރޭޕް ކުރަމުން ދިޔައީ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ކަމަށާއި މިހާރު އެ ކުއްޖާގެ އުމުރުން 16 އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.
އެ ކުއްޖާ ރޭޕް ކުރި ކަމަށް މީހާ ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން މީސް މީޑިއާގައި އަންނަނީ މީހެއްގެ ފޮޓޯ އާންމު ވަމުންނެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ ކުޑަ ކުއްޖާ ރޭޕް ކުރި މަންޒަރު ފެނުނީ އޭނާގެ އަންހެނުންނަށް ކަމަށާއި އެ ފުލުސް މީހާ ހައްޔަރު ކުރުމަށެވެ.