އިޖުތިމާޢީ

ފިޔަވަތީގެ ފުރާޅަށް ނޭރޭ ގޮތަށް ހަދަން ޖެންޑަރއަށް އަންގަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ހުޅުމާލޭ ފިޔަވަތީގެ ފުރާޅުމަތީގައި އެތަނުގައި އުޅޭ ކުދިންތަކެއް.. ފޮޓޯ/މީސްމީޑިއާ

ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިން ތިބޭ މަރުކަޒު ކަމަށްވާ ފިޔަވަތީގެ ފުރާޅު މައްޗަށް ކުދިންނަށް ނޭރޭނެ ކަހަލަ ގޮތަކަށް ހަދަން ޖެންޑަރ މިނިސްޓްރީއަށް އަންގަން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިިއެވެ.

Ads by MWSC

ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ވަނީ އަލިފާން ރޯކޮށްލައިފައެވެ. އަދި އެ ތަނުގައި އުޅޭ ކުދިން ފުރާޅު މައްޗަށް އަރާ، އަޑުގަދަކޮށްފައިވެއެވެ. ރޭވެސް ފިޔަވަތީގެ ފުރާޅުގައި އަންހެން ކުއްޖަކު ހުރި މަންޒަރު ދައްކައިދޭ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވިއެވެ. މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިމައްސަލަ އެޗްއާރސީއެމްއާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީންދަނީ ބަލަމުންނެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެޗްއާރްސީއެމްއާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅައިފައެވެ. އެ ރިޕޯޓްގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ.

ފިޔަވަތީގައި މިވަގުތު އުމުރުން 13 އަހަރުން ދަށުގެ 110 ކުދިން އަންނަނީ ބަލަހައްޓަމުން އަންނައިރު، އެތަނުގެ ޖާގައަކީ 80 ކުދިންނެވެ. މިގޮތުން ރިޕޯޓްގައި ވަނީ ޖާގައަށް ވުރެ ކުދިން އިތުރު ކަމަށާއި ތަނުގައި އުޅޭ ކުދިންގެ އުމުރުގެ ފަރަގު ބޮޑުކަން ފާހަގަކޮށްފައެވެ. އަދި ފޮސްޓަރ ފެމިލީއެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ބާރުމިނުގައި ކުރިޔަށް ނުދާ ކަމަށާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ ފަރުވާ ހޯދުމަށް ދަތިތަކެއް ހުރި ކަމަށެވެ.

މިއަދުގެ ކޮމިޓީގައި ފިޔަވަތީގެ ފުރާޅު މައްޗަށް ކުދިން އަރައިއުޅޭ އުޅުން ހުއްޓުވަން ޖެންޑާއަށް އަންގަން ފާސްކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!