ސިވިލް ސާވެންޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަޖިލީހަށް ކުއްލި މައްސަލައެއް!
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވަނީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ވީ އެންމެ އަވަހަކަށް ބޮޑުކުރުމަށް ސަރުކާރަށް ގޮވައިލާފައެވެ.
ހަލީމް ވިދާޅުވީ ދިވެހި ޤައުމު ހިންގުމުގައި އެންމެ ބޮޑު ޒިންމާއެއް އަބަދުވެސް އުފުއްލަވަމުން ގެންދަވާ އެއް ފަރާތަކީ ދިވެހި ސިވިލް ސާވިސް މުވައްޒިފުން ކަމަށެވެ. އަދި އެ މުވައްޒަފުންނަށް ދެމުން ގެންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއް ނެތި ދެއްވަމުންދާ ޚިދުމަތަށް ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ދެކޭ ކަމަށެވެ.
“ސިވިލް ސާވިސް މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއް ނެތި ދެމުން ގެންދާ ހިދުމަތަށް ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެސް ދެކޭ" ހަލީމް ވިދާޅުވިއެވެ.
ހަލީމްގެ އިތުރުން މިމައްސަލައިގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ސިވިލްސާވަންޓުންގެ މުސާރަތައް ލަސްނުކޮށް ބޮޑުކުރުމަށް ސަރުކާރަށް ގޮވައިލާފައެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ކުޑަވުމާ ގުޅިގެން ގިނަ ރަށްރަށުގައި ސިވިލް ސާވަންޓުން ދަނީ ހިމޭން އިހްތިޖާޖް ކުރަމުންނެވެ. އިހުތިޖާޖުކުރާ ސިވިލް ސަރވަންޓުން ދަނީ ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ޕޭ ކޮމިޝަނުން މިއަދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތައިލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މުސާރައިގެ ފަރަގު އަންނަ އަހަރު ނައްތައިލެވޭނެ ކަމަށެވެ.