ޚަބަރު ޝަރުޢީ ދާއިރާ

އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލުމުން އިސްތިއުނާފުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަމީން

ރާއްޖޭގައި އައިއެސްގެ ފިކުރު ފަތުރަން އުޅުނުކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލި މުހައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާކަމަށް ކަނޑައަޅައި އެ މައްސަލަ ނުހިންގޭނެކަމަށް ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

Ads by Sosun Fihaara

ހައިކޯޓުން ނިންމި ނިންމުމާ އެކު އަމީން މިނިވަންވެފައި ވަނިކޮށް ހައިކޯޓުން އިއްޔެ ވަނީ އޭނާ މާލެއިން ބޭރަށް ދިޔުން މަނާކޮށް އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

އަމީންގެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައިވާއިރު އޭނާއަކީ އަމީނަކީ 2007ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލައިގައި ހައްޔަރުކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފައެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012ވަނަ އަހަރު ދޫކޮށްލީއެވެ.

އައިއެސް ޖަމާއަތުން ރާއްޖެއަށް ކަނޑައަޅައިފައިވާ އަމީރުކަމަށް ދައުލަތުން ބުނާ މުހައްމަދު އަމީން ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް، އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ވަނީ ރޭ ނެރެފައެވެ. މި އަމުރުގެ ދަށުން އޭނާއަށް، އިރުއޮއްސި 6:00އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނަލެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!