ލުއި ޚަބަރު

12 އަހަރުގެ މި ކުއްޖާ މަސައްކަތުގައި، ބޭނުންވަނީ މުސްތަގުބަލު އުޖާލާކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ޓެލަންގަނާގައި އުމުރުން އެންމެ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު، މަސައްކަތުގެ މައިދާނަށް ނުކުމެ އުޅޭ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

Ads by Sosun Fihaara

ގޭގެއަށާއި އެކި އޮފީސްތަކަށް ނޫސްޕޭޕަރު ބެހުމުގެ މަސައްކަތް ކުރާ ޝްރީ ޕްރަކާޝް ނަމަކަށް ކިޔާ މި ކުއްޖާ ތައުލީމު ހާސިލު ކުރަމުން ދަނީ ގްރޭޑް 6 އެއްގައެވެ. ވައިރަލް ވެފައިވާ އެ ވީޑިއޯއިން ފެންނަނީ، ޝްރީ ޕްރަކާޝް މަސައްކަތުގައި އުޅެނިކޮށް އެ ތަނުން ދިޔަ މީހަކު އޭނާއާ ވާހަކަ ދައްކާ މަންޒަރެވެ. އެގޮތުން އެ މީހާ ޝްރީ ޕްރަކާޝް ގާތު އަހަނީ، އޭނާ އެހާ ކުޑައިރު މަސައްކަތް ކުރަނީ ކީއްވެތޯއެވެ.

އެ ސުވާލަށް ޝްރީ ޕްރަކާޝް ޖަވާބު ދިނީ ވެސް ސުވާލަކުންނެވެ. އޭނާ ބުނީ އެހާ ކުޑައިރު މަސައްކަތް ނުކުރަންވީ ކީއްވެތޯއެވެ. އެއަށް ފަހު އޭނާ ބުނީ، އޭނާ ބޭނުން ވަނީ އަމިއްލަ މުސްތަގުބަލު އުޖާލާ ކުރަން ކަމަށެވެ.

"އަހަރެންގެ ބޭބެ ވެސް އަހަންނަށް ވުރެ ކުރިން މި ވަޒީފާގައި އުޅުނު. އަހަރުމެންނަށް މިކަން ކުރަން ހިތްވަރު ލިބުނީ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމްގެ ފަރާތުން. އެމަނިކުފާނަކީ ވެސް ކުޑަ އިރު ނޫސް ޕޭޕަރު ބައްސަވަން އުޅުނު ބޭފުޅެއް" ޝްރީ ޕްރަކާޝް ބުނެފައިވެއެވެ.

ޝްރީ ޕްރަކާޝް އިތުރަށް ބުނީ، އޭނާ ހަމައެކަނި ވަޒީފާ އަދާ ކުރަނީ ނޫން ކަމަށާއި، ކިޔަވަން ވެސް ދާ ކަމަށެވެ. ޅަ އުމުރުގައި ވަޒީފާ އަދާ ކުރަނީ މައިންބަފައިންގެ ވެސް ހުއްދައާ އެކު، ހުރިހާ ކަމެއްގައި އެ މީހުންނަށް އެހީތެރިވުމަށް ކަމަށް ވެސް ޝްރީ ޕްރަކާޝް ބުނެފައިވެއެވެ.

މި ވީޑިއޯ ބޮޑަށް ވައިރަލް ވެފައި ވަނީ ޓެލަންގަނާގެ މިނިސްޓަރެއް ކަމަށްވާ ކޭޓީ ރާމާ ރާއޯ ވެސް މި ވީޑިއޯ ހިއްސާ ކުރުމުންނެވެ. މިހާރު އެތައް ބަޔަކު މި ވީޑިއޯ ހިއްސާ ކޮށްފައިވާ އިރު، ބައެއް މީހުން ވަނީ އެ ކުއްޖާއަށް އެހީވުމަށް ތައްޔާރަށް ތިބިކަމަށް ވެސް ބުނެފައެވެ.

Ads by HDC
  1. ާއަލީސް

    ހެޔޮ ދުއާކުރަން