ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

ޖާބިރު ހައްޔަރުކޮށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އަވަސް

އިސްލާމްދީނަށް ކުޑައިމީސްކޮށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވަައިލައިފިއެވެ.

Ads by STELCO

ކާށިދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކަ ކުށްވެރިކުރާ ކަމަށެވެ. އަދި ކީރިތިވަންތަ މާތް ﷲގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް، ކީރިތި ޤުރުއާނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވާފައި ވުމާއެކު، ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލިމުން ކަމުގައިވެ، އަދި މުސްލިމަކަށް މެނުވީ ދިވެހި ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެ ކަނޑައަޅައިފައި ވާއިރު، އަދި ޣައިރު ދީންތަކުގެ ޝިޢާރުތައް ދިވެހި ރާއްޖޭގައި ފާޅުކުރުމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގާނޫނުން މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާހިނދު ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި މަޤުޞަދު އޮޅޭ ގޮތަށް، އަދި އިސްލާމްދީނުގެ މަތިވެރި ޙުކުމްފުޅުތަކުގެ ހައިބަތު ގެއްލި،
އިލާހީ ޙުކުމްފުޅުތަކަކީ، މި ޒަމާނާއި މުޖުތަމަޢާ އެކަށީގެން ނުވާ ބޯދާ ޙުކުމްތަކެއް ކަމަށް މީހުންނަށް ހީކުރުވައި، ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންވާހައި ގޮތަކަށް އުޅެވިދާނެ ކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުމުގެ ގޮތުން؛ މަސައްކަތްތެރިންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާޠިލު ދީންތަކުގެ ޝިޢާރުތައް ޢާންމުކޮށް ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް، އެ ދީންތަކުގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަން ރާއްޖޭގައި އެޅުމަށް، ފުރުޞަތު ދިނުމަށް ޖާބިރު، މަޖިލީހުގައި ވަކާލާތުކޮށްފައި ވާތީ، އޭނާ އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ރާއްޖޭގައި ޢަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ޚިލާފުވެފައި ވާތީ، ކާށިދޫ ކައުންސިލުން އޭނާގެ އެ ވާހަކަތަކާއި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ޖާބިރު ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާ މެދު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައި ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކައަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް އޭނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ކާށިދޫ ދާއިރާގެ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށާއި، މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާދާރުކަމާ އެކު، ދާއިރާގެ ރައްޔިތުންގެ އިޙްސާސްތަކަށް ބެއްލެވުމާ އެކު، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށްދެއްވުމަށް އެ ކައުންސިލުން ޖާބިރަށް ވަނީ ނަސޭހަތްތެރިވެފައެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ދީނާޚިލާފު ވާހަކަދެއްކި އެންމެނަށް ފިޔަވަޅުއަޅަން ގޮވާބަލަ.