ލައިފްސްޓައިލް ލުއި ޚަބަރު

މާމައާ ކާފަދެކެ ލޯބި ވާ ވާހަކަ ބުނާނީ ކިހިނެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އުމުރުން ދުވަސްވީ މާމަ ނުވަތަ ކާފައާއެކު ވަގުތު ހޭދަކުރުމަކީީ ވަރަށް މުހިންމު ކަމެއް
އުމުރުން ދުވަސްވީ އާއިލާގެ މެމްބަރުންނާއެކު ވަގުތު ހޭދަކުރުން މުހިންމު

އަހަރުމެން ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އުމުރުން ދުވަސްވީ އާއިލީ މެމްބަރުން މުހިންމު ރޯލެއް އަދާކުރެއެވެ. ނޭނގި ނަމަވެސް އެ މީހުންނަކީ އަހަރުމެންނަށް ވެސް އަދި އެ ފަރާތްތަކަށް ވެސް އެއް ގޮތަށްވުރެން ގިނަ ގޮތްގޮތުން މުހިންމު ބައެކެވެ. ހާއްސަކޮށް މާމަ ނުވަތަ ކާފައާ އެކު އުފެދޭ ގާތް ގުޅުމަކީ ކުލުނާއި ލޯބިން ފުރިގެންވާ ގުޅުމެކެވެ.

Ads by STELCO

އެކި މީހުން ގާތުގައި ލޯބިވާކަން ބުނެދޭނީ އެކި ގޮތްގޮތަށެވެ. ތިމާ ބައިވެރިޔާ ކައިރީގައި ލޯބިވާ ވާހަކަ ބުނާނީ "ކައިފިންތޯ" އަހާލަމުންނެވެ. ނުވަތަ ރަތް މާބޮނޑިއަކާއި ޗޮކުލެޓަކުންނެވެ. އެހެން ނަމަވެސް މަންމަ ނުވަތަ ބައްޕަ ކައިރީ ލޯބިވެޔޭ ބުނާނީ މުޅިން އެހެން ގޮތަކަށެވެ. ގޭތެރޭގައި ކުދި ކުދި ކަންކަމުގައި އެހީވަމުންނެވެ. ހަމަ އެފަދައިން މާމަ ނުވަތަ ކާފަ ގާތުގައި ލޯބިވާ ވާހަކަވެސް ބުނަން ވާނެއެވެ. ކޮންމެ ދުވަހަކު ސީދާ ލަފްޒުން އެކަން ބަޔާން ކުރުން މުހިންމެއް ނޫނެވެ. އެހެނަސް ލޯބިވާކަން އަންގައިދޭން ވަރަށް މުހިންމެވެ.

އެންމެ ފުރަތަމަ ކަމަކަށް އުމުރުން ދުވަސްވީ މީހުން އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ ވާހަކަ ދެއްކުމެވެ. ހާއްސަކޮށް އެމީހުންގެ ދިރިއުޅުމުގެ ހާއްސަ ދުވަސްތަކާއި ކުރީގެ ހާދިސާތަކުގެ ވާހަކަ އެމީހުންގެ ދުލުން އަޑުއެހުން ވަރަށް މުހިންމެވެ. ގިނަ ފަހަރަށް އުމުރުން ދުވަސްވުމުން ބުނެދޭނެ ބައިވަރު ވާހަކަ ހުންނާނެއެވެ. އަނެކާއަށް ކިޔައިދޭން ބޭނުންވާ އެތައް ކަމެއް ހިނގާފައި ހުންނާނެއެވެ. އެހެންކަމުން އެފަދަ ވާހަކަތައް އަޑު އަހާނެ "ކޮމްޕޭނިއަން"އަކަށް ވުން މުހިންމެވެ.

ކުދި ކުދި ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ބޭރަށް ނިކުމެ އެކީގައި ހިނގާލެވިދާނެއެވެ. މާމަ ނުވަތަ ކާފައާ އެކު އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަންވެސް ދެވިދާނެއެވެ. އެމީހުންނަކީ ގައިބާރު ދަށްވުމުގެ ސަބަބުން މާގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ނުވަތަ މާ ބޮޑަށް ހެލިފެލިވެ އުޅެވޭނެ ބައެއް ނޫނެވެ. އެހެންކަމުން ކުރާ ކުދިކުދި ކަންކަމުގައި އެމީހުންގެ "ޔާރަކަށް" ވާށެވެ.

ކުރީގެ ފޮޓޯތަކާއި ވީޑިއޯތައް ބެލުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. މާމަމެންގެ ދިރިއުޅުމުގެ މުހިންމު ސޮފްހާތަކެއް މިދެންނެވި ފޮޓޯތަކުގައި ފޮރުވިފައިވާނެއެވެ. އެހެންކަމުން ފޮޓޯއެއް ބަލާލައި އެ ދުވަސްތަކުގެ ވާހަކަ އަލުން ދައްކައިލުން ވެސް ރަނގަޅުވާނެއެވެ. ފޮޓޯގައި ތިބޭ މީހުންނާއި އެމީހުންގެ ވާހަކަތައް ވެސް އަހާށެވެ. ކިޔައިދޭނެ ބައިވަރު ވާހަކަ ހުންނާނެއެވެ.

މާމަ ނުވަތަ ކާފަ އުމުރުން ދުވަސްވެ ގޭގައި ތިބެން ޖެހުމުން ގިނަ ފަހަރު ނަފްސާނީ ގޮތުން އެމީހުންނަށް އަސަރު ކޮށްފާނެއެވެ. އަދި އެ އުމުރުގައި ބޭރަށް ގޮސް އުޅެން ކޮންމެ ކޮންމެ މީހަކު ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެމީހުން ބޭނުންވާ ލޯބި ގޭތެރެއިން ދިނުން ވަރަށް މުހިންމެވެ. ހަމައެކަނި މާމަ ނުވަތަ ކާފައެއް ވެސް ނޫނެވެ. މަންމައާއި ބައްޕަ ވެސް އުމުރުން ދުވަސްވުމުން މިފަދައިން ވަގުތު ހޭދަކުރުން ވަރަށް މުހިންމުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!