ހޮލީވުޑް މުނިފޫހިފިލުވުން

ސްކާލެޓްއާއި ޑިޒްނީގެ ކޯޅުން ނިމުމަކަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމެރިކާގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޯންސަން

މިއަހަރު ރިލީޒްކުރި މާވެލް ސިނެމެޓިކް ޔުނިވާސްގެ "ބްލެކް ވިޑޯ"އާ ގުޅިގެން އެ ފިލްމުގެ ޓައިޓަލް ރޯލު ކުޅުނު ސްކާލެޓް ޖޯންސަން، ފިލްމުގެ ޑިސްޓްރިބިއުޓާ ޑިޒްނީއާ ދެކޮޅަށް ފައިލްކުރި މައްސަލަ ހައްލުކޮށްފި އެވެ.

Ads by Hajj Corporation

ހޮލީވުޑް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިމައްސަލަ ހައްލުކުރީ ކޯޓުން ބޭރުގައި ދެ ފަރާތުން ވާހަކަ ދައްކައިގެންނެވެ.

"ބްލެކް ވިޑޯ" ރިލީޒްކުރަން ނިންމީ ސިނަމާގައެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެންމެ އެކަށީގެންވާ ތަރުހީބެއް ސިނަމާގައި ނުލިބިދާނެތީ ފިލްމު ވަނީ ޑިޒްނީގެ އޯޓީޓީ ޕްލެޓްފޯމު ޑިޒްނީ ހޮޓްސްޓާގައި ސްޓްރީމް ކޮށްފައެވެ. ސްކާލެޓް ދައުވާ ކުރީ ސްޓްރީމް ކުރަން ނިންމިއިރު އެކަން އޭނާގެ އެގްރީމެންޓުގައި ހިމަނައިފައި ނުވުމާ އެކު އޭނާއަށް އެކަމުގެ އަގު ނުލިބުމުންނެވެ.

"ބްލެކް ވިޑޯ"އިން ސްކާލެޓަށް 20 މިލިއަން ޑޮލަރުގެ ބޮޑު މުސާރައެއް ދިނެވެ. އެހެން ނަމަވެސް އެއީ ފިލްމު ސިނަމާތަކުގައި ރިލީޒްކުރާ ގޮތަށެވެ. މައްސަލަ ހުށަހެޅުމުން ޑިޒްނީއިން ބުނީ ކޮވިޑުގެ އުނދަގޫ ހާލަތުގައި ސްކާލެޓް ހުށަހެޅި މައްސަލައިގެ ސަބަބުން އޭނާއަކީ ޕްރޮފެޝަނަލް މީހެއް ނޫންކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެހެން ނަމަވެސް ސްކާލެޓް ބުނަނީ ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން އިތުރު ގޮތަކުން ފިލްމުން ފައިދާ ހޯދާނަމަ އެކަން އިންސާފުވެރި ނޫން ކަމަށެވެ.

މިމައްސަލައިގައި ހޫނު ބަހުސްތަކެއް ކުރެވުމަށް ފަހު ސްކާލެޓް ވަނީ މައްސަލަ ހައްލުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

"މައްސަލަ ނިންމައި ޑިޒްނީއާ އެކު އެއްބަސްވުމަކަށް އާދެވުނީތީ އުފާކުރަން. ޑިޒްނީއާ އެކު މިވޭތުވެދިޔަ ތަނުގައި ކުރެވުނު މަސައްކަތަށް ފަހުރުވެރިވަން. ކުރިއަށް އޮތްތަނުގައި ވެސް އިތުރު މަސައްކަތްތައް ފެންނާނެކަމަށް އުއްމީދުކުރަން" ހޮލީވުޑް ރިޕޯޓާއަށް ޖޯންސަން ބުންޏެވެ.

ޑިޒްނީ ސްޓޫޑިއޯގެ ޗެއާމަން އެލަން ބާގްމަން ބުނީ ސްކާލެޓްއާ އެކު އެއްބަސްވުމަކަށް އާދެވުމުން އުދާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްކާލެޓާ އެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ވަނީ ޑިޒްނީގެ "ޓަވާ އޮފް ޓެރާ" ކިޔާ ފިލްމެއްގެ މަސައްކަތަށް ސްކާލެޓާ އެކު ސޮއިކޮށްފައިވާކަން ވެސް ހާމަކޮށްފައެވެ.

"ބްލެކް ވިޑޯ"އަކީ މާވެލްއާއެކު ސްކާލެޓް އެންމެ ފަހުން ކުރި މަސައްކަތެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިއީ ސްކާލެޓްއާ އެކު މާވެލްއިން ކުރާނެ ފަހު މަސައްކަތަށް ވުން ވަރަށް ގާތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!