ޑރ.އަފްރާޝިމް އަލީގެ މަރަށް އިންސާފު ނުހޯދި މިހާ ގިނަ ދުވަސް ވެގެން ދިޔުމަކީ ލަދުވެތި ކަމެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމަށް ވަރަށް ލާއިންސާނީ ރަހުމުކުޑަ އަނިޔާދީ އަވަހާރަކޮށްލިތާ ބަރާބަރު 9 އަހަރު ވެގެން ދިޔައީ ކަމަށެވެ. މި ޖަރީމާގައި ބައިވެރިވި ފަރާތްތަކާއި، ފަހަތުގައި ތިބި ބަޔަކު ނުހޯދި، އިންސާފު ޤާއިމް ނުކުރެވި މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔުމަކީ ލަދުވެތި ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން “މިފަދަ ޖަރީމާތައް ބަލައި، ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިވެރިކަމުގެ އެންމެ ބޮޑު ވަޢުދު ކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ”ކަމަށް ވައްޑެ ވިދާޅުވިއެވެ.
އަފްރާޝީމް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި މައްސަލަ ތަޙްގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބައެކެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހަކާއި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލީ 2012ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިމައްސަލައިގައި ދަޢުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ހ.ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ދަށު ކޯޓުން އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.