ޝަރުޢީ ދާއިރާ

އަމީން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކުރާ ޏ. ފުވައްމުލަކު މާދަނޑު/ ކަރިއްޔާވިލާ މުހައްމަދު އަމީން އަލުން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by MWSC

އަމީންގެ ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް ޕީޖީ އޮފީހުން މިއަދު އެދިފައިވާ އިރު، ކޯޓުން އަދި މިކަމާ މެދު ވަކި ގޮތެއް ނުނިންމައެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި ތުހުމަތުގައި އަމީން ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. އޭގެފަހުން ޓެރަރިޒަމްގެ ކުށުގައި އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން އަމީން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012ވަނަ އަހަރު އޭނާ ދޫކޮށްލިއެވެ.

އޭގެފަހުން އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހުއެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ބާތިލުކޮށްފައި ވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވި ފަހުން ދައުވާކޮށްފައި ވާތީއެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މި މަހުގެ 3 ވަނަ ދުވަހު އެ ކޯޓުން ވަނީ ހައިކޯޓުގެ އެ އަމުރު ބާތިލު ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގައި އަލުން އޭނާގެ މައްސަލަ ބަލަން އަމުރުކޮށް، އާ ގަޒިއްޔާތަކެއްގެ ގޮތުގައި ބެލުމަށް ހުރަހެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!