ލައިފްސްޓައިލް ޓެކްނޮލޮޖީ

ފޭސްބުކް މެދުވެރިކޮށް އީރާނާއި ޗައިނާއިން ޖާސޫސްކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޭސްބުކްގެ އޯނަރު މާކް ޒަކަބާގް

އީރާނާއި ޗައިނާއިން އެ ދެ ގައުމުގެ ދުޝްމަނުންނަށް ފާރަލައި ޖާސޫސްކުރަން ފޭސްބުކްގެ މައުލޫމާތުތައް ބޭނުންކުރަމުން ދާކަމަށް ތުހުމަތުކޮށްފިއެވެ.

Ads by MWSC

މިގޮތަށް ތުހުމަތު ކުރީ ފޭސްބުކްއަށް އާންމުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ އެކަން ފަޅައި އަރުވައިލި އެކުންފުނީގެ މުވައްޒަފެކެވެ. 37 އަހަރުގެ ފްރޭންސަސް ހައުގެން ވަނީ ފޭސްބުކް މެދުވެރިކޮށް ހިންގާ އެތައް ޖަރީމާތަކެއް ފަޅައި އަރުވާލައިފައެވެ.

އޭނާ ބުނީ އެހެން ގައުމުތަކުގެ ސަރުކާރުން ފޭސްބުކް މެދުވެރިކޮށް އެ ޕްލެޓްފޯމަށް އާންމުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތޯ ބެލުމަށް ސަމާލުކަން ނުދޭކަމަށެވެ. އެކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާނެކަން އޭނާ ފާހަގަކުރިއެވެ.

ޗައިނާއާއި އީރާނުގައި ވެސް ފޭސްބުކް ވަނީ ބޭންކޮށްފައެވެ. އެހެންކަމުން އެގައުމުތަކުގެ މީހުންނަށް މި ޕްލެޓްފޯމަކަށް އެކްސެސްއެއް ނުވެވެއެވެ. ފްރޭންސަސް ބުނީ ޗައިނާ ސަރުކާރުން ފޭސްބުކް ބޭނުންކުރަނީ އެގައުމުން ބޭރުގެ މީހުން ހާއްސަކޮށް އެމީހުންނާ ވާދަވެރި ގައުމުތަކުގެ މީޙުން ފޭސްބުކަށް ފޯރުކޮށްދޭ މައުލޫމާތުން ޖާސޫސްކުރަން ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން ޑޭޓާ އެނާލިސްޓުންގެ ޓީމަކުން އެކަމަށް މަސައްކަތްވެސް ކުރިކަމަށާއި ޗައިނާއިން ފޭސްބުކް މެދުވެރިކޮށް ޖާސޫސްކުރާ ތަންތަން ޓްރެކް ވެސް ކުރެވުނު ކަމަށެވެ.

ފްރޭންސަސް ބުނާ ގޮތުގައި ފޭސްބުކްގައި މުވައްޒަފުން މަދުވުމުގެ ސަބަބުން މައުލޫމާތުތައް މުޅިން ރައްކާ ކުރުމުގައި ނުކުޅެދި، ކުރަންޖެހޭ ގިނަ ކަންކަން އޮންނަނީ ނުކުރެވިފައެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފޭސްބުކްއިން ވަނީ 200 އަށްވުރެ ގިނަ އެކައުންޓު ހިފަހައްޓައިފައެވެ. އެކުންފުނިން ބުނީ އެ އެކައުންޓުތައް ނިސްބަތްވަނީ އީރާނުގެ ހެކަރުންތަކަކަށް ކަމަށެވެ.

ފޭސްބުކްއަށް އާންމުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާކަން ފަޅައި އަރުވައިލީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެ ދުވަހާއި ހަމައަށް ކުންފުނީގެ ޑޭޓާ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ފްރޭންސަސް ވަނީ ހެކި ލިބޭނެ ގިނަ ޑޮކިއުމެންޓުތަކެއް ވެސް އެއްކޮށްފައެވެ. އެމައުލޫމާތު އެމެރިކާގެ ސެނެޓާ ވެސް ވަނީ ހިއްސާކޮށްފައެވެ.

ފޭސްބުކްގެ އޯނަރު މާކް ޒަކަބާގް ވެސް ވަނީ ސެނެޓުން ސުވާލުކުރަން ހާޒިރުކޮށްފައެވެ. އެހެން ނަމަވެސް ޒަކަބާގު ބުނާ ގޮތުގައި އެފަދަ ކަމެއް ފޭސްބުކް މެދުވެރިކޮށް ހިންގާކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި އެ ޕްލެޓްފޯމަކީ އެމެރިކާގެ ސަލާމަތަށް ހުރި ނުރައްކަލެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

ދާދިފަހުން ހަ ގަޑިއެއްހާއިރަށް ފޭސްބުކް ޑައުންވުމާ މިކަމާ ގުޅުން ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ފޭސްބުކްގެ އިތުރުން ޒަކަބާގް ވަނީ އިންސްޓަގްރާމާއި ވަޓްސްއެޕް އަދި މެސެންޖާ ވެސް ގަނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!