ޓެކްނޮލޮޖީ

ގޫގުލް ޕިކްސަލްގެ ފޯނުތައް ޕާސްވޯޑަކާއި ނުލާ ހުޅުވާނެ ގޮތް ހޯދައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ގޫގުލް ޕިކްސެލްގެ ކޮންމެ ފޯނެއްވެސް ޕާސްވޯޑަކާއިނުލާ ހުޅުވާނެ ގޮތް ޑޭވިޑް ޝުޓްޒް ނަމަކަށް ކިޔާ މީހަކު ހޯދައިފިއެވެ.

Ads by STELCO

ޝުޓްޒް ކިޔައިދިން ގޮތުގައި އޭނާ މިކަން ކޮށްފައިވަނީ އިތުރު ސިމް ކާޑެއް ބޭނުންކޮށްގެންނެވެ. ފުރަތަމަ ކަމަކަށް ފޯނަށް ނުބައި ފިންގަޕްރިންޓެއް 3 ފަހަރުގެ މަތިން ބޭނުންކޮށް ފިންގަޕްރިންޓް ރެކޮގްނިޝަން ޑިސޭބަލް ކޮށްލަނީއެވެ.

އެއަށްފަހު ފޯނުގައިވާ އަސްލު ސިމް ނެގުމަށްފަހު ހެކަރުގެ ސިމް ލައްވައި ނުބައި ޕިން ކޯޑެއް ޖަހާނީއެވެ. މިހެން ހެދުމުން ފޯނުގެ ޕަކް ކޯޑު (ޕާސަނަލް އަންލޮކިން ކީ) ޖެހުމަށް އެރުމުން ހެކަރު ލެއްވި ސިމުގެ ޕަކް ކޯޑު ޖަހާނީއެވެ. މިހެން ހެދުމުން ފޯނުގެ ހޯމް ސްކްރީންއަށް ފޯނު ހުޅުވިގެންދެއެވެ. ޕާސްވޯޑަކާއި ނުލައި ފޯނުގެ އެކްސެސް ހޯދުނީއެވެ.

މިއީ ހަމައެކަނި އެންމެ ފޯނެއްގައި ދިމާވި މައްސަލައެއް ނޫންކަން ޔަޤީންކުރުމަށް ޝުޓްސް ވަނީ ޕިކްސެލް 6 އާއި ޕިކްސެލް 5 ގެ އެތައް ފޯނެއްގައި މިހެން ވޭތޯ ބަލާފައެވެ. މިހުރިހާ ފޯނެއްގައިވެސް ހަމަ މިގޮތަށް ފޯނު އޭނާއަށް ހުޅުވުނެވެ.

"އެވަގުތު އަހަރެންގެ އަތް ތުރުތުރު އަޅަން ފެށި. ހުރިހާ ފޯނެއްގަ ވެސް މިހެން ވަނީތަ ހަމަ؟" ޝުޓްޒް އޭނާގެ މި ވާހަކަ އޭނާގެ ބްލޮގުގައި ކިޔައިދެމުން ބުނެއެވެ.

ޝުޓްޒް ބުނާ ގޮތުގައި އޭނާ އަވަހަށް މި މައްސަލަ ގޫގުލް ކުންފުންޏަށް ވަގުތުން ރިޕޯޓުކުރީއެވެ. އަދި އިސާހިތަކު ގޫގުލްއިން އެކުންފުންޏަށް ރިޕޯޓު ލިބުނު ވާހަކަ އެންގި ކަމުގައިވިޔަސް އެކަމަށް ޖަވާބެއް ދޭން 1 މަސް ނެގިއެވެ.

އެންމެ ފަހުން ޝުޓްޒްއަށް ޖަވާބު ދިން އިރު ގޫގުލް އިން ބުނީ މި ބަގް ކުރިންވެސް މީހަކު ރިޕޯޓުކޮށްފައިވުމުން އެކަން މިހާރު ރަނގަޅުކުރެވިފައިވާނެ ކަމާއި، އެހެންކަމުން އޭނާއަށް އެއްވެސް ފައިސާގެ އިނާމެއްވެސް ނުލިބޭނެކަމަށެވެ،

މިކަމުގެ ސަބަބުން ޝުޓްޒް އަލުން އެ ބަގް އުފައްދަން މަސައްކަތް ކުރި އިރު މި ފަހަރުވެސް ހަމަ  އެ އުކުޅުތައް ބޭނުންކޮށްގެން ފޯނު ޕާސްވޯޑަކާއި ނުލާ ހުޅުވުނެވެ. ގޫގުލްއަށް މިކަމާމެދު އީމެއިލް ކުރުމުގެ ބަދަލުގައި މިފަހަރު އޭނާ ގޫގުލްގެ އިންޖިނިއަރުންނާ ބައްދަލުކޮށް މި ބަގްގެ މައްސަލަ އެމީހުންނަށް ދެއްކީއެވެ.

މިހާރު ގޫގުލްއިން ވަނީ މި މައްސަލަ ހައްލުކޮށްފައެވެ. ޝުޓްޒް ކުރި މި މަސައްކަތުގެ އަގު ވަޒަންކުރުމަށް ގޫގުލް އިން 70،000 ޑޮލަރުގެ އިނާމެއް އެންމެ ފަހުން އޭނާއަށް ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!