ޓްވިޓަރ ނުގަންނަން އެލަން މަސްކް ނިންމައިފި
ބިލިޔަނަރު އެލަން މަސްކް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ހެދި އެއްބަސްވުމާ ޓްވިޓާއިން އެކި ގޮތްގޮތުން ހިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އޭނާ ނިންމައިފިއެވެ.
ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ ޓްވިޓަރ ނުގަންނަން ނިންމީ ޓްވިޓަރ ގަތުމަށް އޭނާއާއި އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަަސްވުމާއި ޓްވިޓަރއިން ޚިލާފުވެފައިވާތީ ކަމަށެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އޭނާއަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ޓްވިޓަރ ނުކުޅެދިފައިވާ ކަމަށް އޭނާ ބުނެއެވެ.
އީލޯން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަންނަން ހުށަހެޅީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. އޭނާގެ ހުށަހެޅުން ބަލައިގަނެ ޓްވިޓަރއިން ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މަސްކު ބޭނުންވީ ޓްވީޓަރ ބޭނުން ކުރާ ސްޕޭމް އަދި ފޭކް އެކައުންޓުތަކުގެ އަދަދު އޮޅުން ފިލުވުމަށެވެ. މިއީ ޓްވިޓަރއިން އެ އަދަދު 5 އިންސައްތައަށް ވުރެ ދަށްވާނެ ކަމަށް ބުނެފައިވާތީ އޭނާ ބޭނުންވި މައުލޫމާތެކެވެ.
އެއްބަސްވުމަށް ފަހު މެއި މަހު އޭނާ ވަނީ ޑީލް ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް ބުނެފައެވެ. އެއީ އޭނާ ބޭނުންވި ޑޭޓާ ނުލިބޭތީ ކަމަށް ވެސް އޭނާ އޭރު ބުނެފައިއެވެ. މަސްކު ގަބޫލުކުރާ ގޮތުގައި ޓްވިޓާ ބޭނުންކުރާ އެކައުންޓުތަކުގެ 20އިންސައްތައަށް ވުރެ ގިނަ އެކައުންޓުތަކަކީ ފޭކު ނުވަތަ ސްޕޭމް އެކައުންޓުތަކެވެ. މި އެކައުންޓުތަކުން ސައްޙަ ނޫން މައުލޫމާތު ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޓްވިޓަރއާ އެކު މަސްކް ވެފައިވާ އެއްބަސްވުން ބާތިލު ކުރެވޭނީ 1 ބިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްފަހުއެވެ.
މަސްކު އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޓްވިޓަރއިން ވަނީ ބުނެފައެވެ. ޓްވިޓަރއިން އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅައިފި ނަމަ އެ ކުންފުނިން އެއްބަސްވުމާއި ޚިލާފުވެ މައުލޫމާތު ފޯރުކޮށް ނުދޭކަން މަސްކު ސާބިތުކޮށްދޭން ޖެހޭނެއެވެ.
މިކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ މަސްކްއަށް މަޖުބޫރީ ހާލަތުގައި އެއްބަސްވުމާ އެއްގޮތަށް ޓްވިޓަރ ގަންނަން ޖެހިދާނެކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.