ޚަބަރު

ނޫސްވެރިންގެ އެވޯޑް މައްސަލަ: އެވޯޑް ނައިޓް ބާއްވާތޯ ކުރި ސުވާލަށް ޖަވާބެއް ނުދިން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަހަރު ބާއްވާ ނޫސްވެރިންގެ އިނާމު ދިނުމުގައި އުސޫލާ ޚިލާފަށް ކަންކަން ހިނގާތީކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފިއެވެ.

Ads by STELCO

މިއަދު ކުރިޔަށް ދިޔަ ޑިސްޕިއުޓް މަރުހަލާގައި، މާދަމާ ރޭ އެވޯޑު ދިނުމަށް ބާއްވާ ހަފްލާ ނުބާއްވާނަންތޯ ގާޒީ ވަނީ މީޑިއާ ކައުންސިލްގެ ވަކީލްއާ ސުވާލު ކުރައްވައިފައެވެ. އެސުވާލުގެ ޖަވާބުގައި މީޑިއާ ކައުންސިލްގެ ވަކީލް ހަމައެކަނި ވިދާޅުވެފައި ވަނީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. ހަފްލާ ބާއްވާނެތޯ ނުވަތަ ނޫންތޯ ވިދާޅެއް ނުވެއެވެ.

ސިވިލް ކޯޓުން މައްސަލަ ޝަރީއަތަށް ފޮނުވާނީ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވޭ ނަމައެވެ. މިއަދު ކޯޓުގައި ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގެ އަޑުއެހުމުގައި ވަކިކޮޅަކަށް މައްސަލަ ނުނިމުމުން މައްސަލަ ވަނީ ޝަރީއަތަށް ފޮނުވައިފައެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައި ވަނީ އެވޯޑަށް ކުރިމަތިލި ހަ މީޑިއާއެއްގެ 20 ނޫސްވެރިންގެ ފަރާތުންނެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލާ މެދު ގިނަ ނޫސްވެރިންތަކެއް ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރެ، އެ އަށް ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާ އިނާމު ދިނުމުގެ ހަފުލާއެއްގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަންވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް 70އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމައިފައިވުމެވެ. ނަމަވެސް ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!