މަނީ ލޯންޑަރިންގެ މައްސަލައެއްގައި ނޯރާ ހައްޔަރުކޮށްފި

މަނީ ލޯންޑަރިންގެ މައްސަލައެއްގައި ބޮލީވުޑް ބަތަލާ ނޯރާ ފަތޭހީ މިއަދު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުން މިއަދު ނޯރާ ހައްޔަރު ކުރީ އެންފޯސްމެންޓް ޑިޕާޓްމެންޓުންނެވެ. މިމައްސަލައިގައި ނޯރާއާ ގުޅޭނީ މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ސުކޭޝް ޗަންދްރަޝޭކަރާކަމަށް ވެއެވެ. މިއަދުގެ ވަގުތެއްގައި ނޯރާއާ ސުވާލު ކުރަން ހަމަޖެހިފައިވީ ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް ހާމައެއް ނުވެއެވެ.
މީގެ ކުރިން ބޮލީވުޑް ތަރި ޖެކޮލިން ފާނަންޑޭޒް ވެސް ވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ޖެކޮލިންގެ މައްސަލަ ވެސް ގުޅެނީ ސުކޭޝްއާއެވެ. މީޑިއާތަކަށް ހާމަވެފައިވާ ގޮތުގައި ޖެކޮލިން ވަނީ 200 ކްރޯރް ރުޕީސްއަށްވުރެ ގިނަ ފައިސާ ލޯންޑަ ކޮށްފައެވެ.
އިންޑިއާގެ މަނީ ލޯންޑަރިންގެ ގިނަ މައްސަލަތަކުގައި މީގެ ކުރިން ވެސް ބޮލީވުޑް ތަރިން ބައިވެރިވެފައިވާކަން ވަނީ ފަޅާ އަރައިފައެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް އެއްވެސް ތަރިއެއްގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
ބޮލީވުޑް ތަރިންނަކީ އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ފައިސާ އެކައުންޓުތަކަށް ވަންނަ މީހުންނެވެ. އެހެންކަމުން އެމީހުން މެދުވެރިކޮށް ކަޅުފައިސާ އެތެރެކޮށް ބޭރުކުރަން ފަސޭހަވެއެވެ. 2020ވަނަ އަހަރު މަރުވި ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގައި ވެސް މިފަދަ މައްސަލަތަކެއް ފަޅާއެރިއެވެ. އެގޮތުން ސުޝާންތުގެ މައްސަލައާ ގުޅިފައިވާ މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތުހުމަތު ބޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ވެސް ކުރެވުނެވެ.