ޚަބަރު ސިޔާސީ

ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަށް ބާރުއަޅާ ފަދަ މޭރުމަކުން ނަޝީދު ވާހަކަ ދައްކަވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ތިބެން ޖެހޭ ބައެއްގެ ގޮތުގައި ދޭހަވާ ފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފިއެވެ.

Ads by Hajj Corporation

އިއްޔެ މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ 500އެއްހާ ޓެރަރިސްޓުން ބަރު ހަތިޔާރާ އެކު ހަމަލާދީ ޤައުމުތައް ހިފަން މަސައްކަތް ނުކޮށްފާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެހެން ގައުމުތަކުގައި ވެސް މިމަންޒަރު ފެނިފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތައް ޖެހިލުންވާނެ އެއް ކަމަކީ ބޭރުގެ ނަމަވެސް ހަތިޔާރު އެޅި ސިފައިން ތިބެ އެތަނެއްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުން ކަމަށެވެ. އެގޮތުން ބޭރުގެ ގައުމުތަކާ އެކު ހަދާ ދިފާއީ އެއްބަސްވުންތަކަކީ ޓެރަރިސްޓުން ޖެހިލުންވާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ޤައުމު ތިމަންނާމެންނަށް ނެގުނަސް އެ ޤައުމާ އެހެން ޤައުމުތަކާ ޑިފެންސް އެގްރީމެންޓު އެބަހުއްޓޭ. އެހެންވީމާ އެބަޔަކު އައިސް ތިމަންނާމެން ދުރަށްލާނެއޭ. ތިމަންނާމެން ބަލިވާނެއޭ. މިދެންނެވި ފުޅާ ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ސަލާމަތީ ކަންކަން އަޅުގަނޑުމެން ވިސްނަމުން ދަނީ" އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ މެދު ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މި މޭރުމުން މިސާލު ވެސް ޖައްސަވައިފައެވެ. އެގޮތުން ވިދާޅުވީ ބޮޑުތަކުރުފާނު ކަންނަނޫރު އަލީ ރާޖާއާއި މަލާބާރު އައްސޭރީގެ އެކިއެކި ވެރިންނާ ވަރަށް ގިނަ އެއްބަސްވުންތައް ހެއްދެވި ކަމަށާއި ދޮންބަންޑާރައިން ވެސް މާލެ ނާނޭ ބުރުޒުގައި ފަރަންސޭސީ ކުލީ ސިފައިން 4 އަހަރު ބޭތިއްބިކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 3 ނޮވެމްބަރުގެ ހަމަލާއަށް އެހީތެރިވާން އައި އިންޑިއާ ސިފައިން ވެސް ރާއްޖޭގައި ބޭތިއްބިކަމަށް ނަޝީދު ވިދާޅުވިއެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމުގައި ސްޓޭންޑަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނަޝީދު ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ އާޚިރުގައި ކުރަން ޖެހިފައިވާ ކަމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެކަން ކުރެވޭނީ ކޮން ގޮތަކަކަށްކަމާ މެދު އަބަދުވެސް އެމަނިކުފާނު ވާހަކަ ދައްކަވާ ކަމަށެވެ. ނަޝީދު އިޝާރާތް ކުރެއްވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ މެދު ދެއްކެވި ވާހަކަފުޅަށެވެ. އެގޮތުންއެމްޑީޕީގެ ކައުންސިލަރަކު އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވައިލާ ސޮއިކުރަމުންދާ ޕެޓިޝަންގައި ސޮއިކުރުމުން ރައީސް ނަޝީދު ވަނީ ނުރުހުން ފާޅު ކުރައްވައި ވަޓްސްއެޕް ގްރޫޕުގައި ވާހަކަ ދައްކަވައިފައެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ދިފާއު ކުރައްވައި ނަޝީދު ވާހަކަ ދެއްކެވިއިރު ސަރުކާރުން ބުނެފައި ވަނީ އެއްވެސް ގައުމެއްގެ "ހަނގުރާމަމަތީ" ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އެހެން ނަމަވެސް ސިފައިން ތިބޭ ވާހަކަ މުޅިން ދޮގެއް ނުކުރެއެވެ. އެކި ނަންނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ސަރުކާރުން ހަދައިފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާއިރު ޑިފެންސް މިނިސްޓްރީން ބުނަނީ އެ އެއްބަސްވުންތައް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!