ޚަބަރު ސިޔާސީ

ޤައުމުގެ މައި ދޮރާށި ވިއްކާލި ބަޔަކަށް ، ބޭރުގެ ސިފައިންނަށް ޤައުމު ހިޞާރުކުރަން ފުރުސަތު ދިނުން ބޮޑުކަމަކަށް ނުވާނެ: ސައީދު

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އަމިއްލަ އެދުން އިސްކޮށް ޤައުމުގެ މައި ދޮރާށި ވިއްކާލި ބަޔަކު ބޭރު ޤައުމެއްގެ ސިފައިން ގައުމުގައި ނުބައިތިއްބާނެކަމަށް ދެކިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖީއެމްއާރަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ދީފައި ވަނީ، އޭރުގެ ރައީސް މުޙައްމަދު ނަޝީދު 78 މިލިއަން ރުފިޔާ ބޭނުންފުޅު ވުމުން ކަމަށް އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި ޓުއަރިޒަމް މިނިސްޓަރ ޑރ.މަރިޔަމް ޒުލްފާ ވަނީ ވިދާޅުވެފައެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ކުއްޔަށް ދެއްވުމަށް 2010 ޖޫން 28 ވަނަ ދުވަހު، ޖީ.އެމް.އާރ،އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމާ އެއްގޮތަށް އޭރުވެސް ކަންކަން ނުހިނގާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

މިކަމާ ގުޅިގެން އޭރުގެ ޓުއަރިޒަމް މިނިސްޓަރ ޒުލްފާ ކްލަބް ހައުސްގައި ވިދާޅުވީ ރައީސް ނަޝީދު އަރިހުގައި އޭރު ވެސް ބޮޑެތި ލޯޔަރުން ތިއްބެވިއިރު، ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް އެހާ ފީކަޅާ އެގްރީމަންޓެއް ހެދީ ކީއްވެތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދިި މިކަން ކުރައްވައިފައި ވަނީ ރައީސް ނަޝީދު އެވަގުތު 78 މިލިޔަން ޑޮލަރު ބޭނުންފުޅުވުމުންކަމަށް ޒުލްފާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ އިކޮނޮމިކު މިނިސްޓަރު ސަޢީދު ވިދާޅުވީ، އެއީ ގަސްތުގައި ކޮށްފައިވާކަމެއްކަން ރައީސް ނަޝީދުގެ ޓުއަރިޒަމް މިނިސްޓަރުގެ އިޢުތިރާފުން އެނގިގެން ގޮސްފި ކަމަށާއި އެހެންކަމުން ރައްޔިތުންނާ މެދު އެމްޑީޕީ ވެރިންގެ ހިތުގައި އިޚްލާސްތެރި ނިޔަތެއް ނެތް ކަން ހާމަވާ ކަމަށެވެ. އަދި އެފަދަ ބަޔަކު ޤައުމުގައި ބޭރު ޤައުމެއްގެ ސިފައިން ބައިތިއްބާ ޤައުމު ހިބައިން ދިނުމަށް ވެސް ފަސް ނުޖެހޭނެ ކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

"މިހާރު ޒުލްފާގެ އިޢުތިރާފުން އެނގެން އެ އޮތީ އެއީ އޭރުގެ ސަރުކާރުން އެކަމުގެ ގެއްލުމާއި ހަލާކު ހުރި މިންވަރު އެނގި ތިބެމެ ހިންގި ޖަރީމާއެއް ކަން. އެހެންކަމުން އެކަމުގައި ރައްޔިތުންނަށް ހުރި ގެއްލުން އެނގި އެނގި ތިބެމެ އެފަދަ ކަމަކަށް ޤައުމު ދީއްލާލި ބަޔަކު އަދި ޤައުމު ބޭރު ޤައުމެއްގެ ސިފައިންނާ ޙަވާލުކުރަން ނުވަތަ ބޭރު ސިފައިން ނުބައިތިއްބަފާނެ ކަމަށް ކުޑަކޮށް ވެސް ހީކޮށްގެން ނުވާނެ " ސަޢީދު ވިދާޅުވިއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދެއްވުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު، ވެވިފައިވާ އެއްބަސްވުން ރޫޅައިލައްވަން ދިވެހި ސަރުކާރުން ނިންމެވީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މި އެއްބަސްވުން އުވައިލެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން ކަމަށްވީ ނަމަވެސް، މި މަސައްކަތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، އަދި ކުރީގެ ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ޖީއެމްއާރު މައްސަލަ މުޅިން ނިމި، ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަން ޖެހުނު ޖުމުލަ 271 މިލިއަން ޑޮލަރު، އެމްއޭސީއެލްއިން ދައްކައި ޚަލާޞްކުރީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.

Ads by HDC
  1. ޢަލީ

    “ޖީއެމްއާރު މައްސަލަ މުޅިން ނިމި، ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަން ޖެހުނު ޖުމުލަ 271 މިލިއަން ޑޮލަރު، އެމްއޭސީއެލްއިން ދައްކައި ޚަލާޞްކުރީ ރައީސް ޔާމީންގެ ވެރިކަމުގަ”
    މިފަހަރަކު ތިހެނެއްނުވާނެ ދެނެއް ފައިސާ އެއްވެސް ނުދެއްކޭނެ ނުވެސް ބޭލޭނެ ފުރުސަތުގެ ބޭނުން ހިފާފަ އޮންނާނީ ހިތަކަށް ގައުމު ދީފަ އޮންނާނީ ތިވެރިންނަށް ދިވެހިރައްޔިތުން ބޭނުންވި ގޮތްމީ…..