ފުޓްބޯޅަ

ބަލިނުވެ އިންޑިއާ އަނެއްކާ ވެސް ސަރަހައްދީ ޗެމްޕިއަންކަމަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ/ އަބްދުﷲ އަބީދް (ވަގުތު)

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އުރީދޫ ސާފް ޗެންޕިއަންޝިޕް 2021ގެ ފައިނަލް މެޗުން 3-0ގެ ނަތީޖާއަކުން ނޭޕާލް ކައިރިން މޮޅުވެ، ސާފް ޗެންޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ.

Ads by STELCO

އިންޑިއާއަކީ ސާފް ޗެންޕިއަންޝިޕްގައި ވާދަ ކުރާ ޤައުމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޤައުމެވެ. އެޤައުމުން މިހާ ތަނަށް 13 ފައިނަލެއްގައި ވާދަކޮށްފައިވާއިރު، މިއީ އެ ޤައުމުން ޗެންޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ. އެންމެ ފަހުން އިންޑިއާއިން ސާފްގެ ތަށި ކާމިޔާބު ކުރީ 2015 ވަނަ އަހަރުއެވެ.

މިފަހަރުގެ މުބާރާތަކީ ނޭޕޭލަށް ވެސް ވަރަށް ތާރީޚީ މުބާރާތެކެވެ. މިއީ އެޤައުމުގެ ތާރީޚްގައި ވެސް ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ދަތުުރު ކުރި ފުރަތަމަ ފަހަރެވެ.

ލީގް ބުރުގެ ފުރަތަމަ މެޗުތަކުން އިންޑިއާއަށް ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. މިގޮތުން ބަންގާޅާ ދެކޮޅަށް ކުޅުނު މެޗުން 1-1ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވިއިރު، ލަންކާއާ ދެކޮޅަށް ނިކުމެ ވެސް މެޗު ނިންމައިލަން ޖެހުނީ ލަނޑެއް ނުޖެހިއެވެ. އިންޑިއާއިން ޖެހިޖެހިގެން އަށްވަނަ ސާފް ސާފްޗެންޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ، ލީގު ބުރުގެ ފަހު މެޗުން ރާއްޖެ އަތުން 1-3ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ލީގު ބުރުގައި އިންޑިއާ ވަނީ ނޭޕާލް އަތުން 1-0އިން މޮޅުވެފައެވެ. ލީގު ބުރުގެ އެއްވެސް މެޗަކުން އިންޑިއާ ބަލިވެފައެއް ނުވެއެވެ.

މިއަހަރުގެ މުބާރާތުގައި ނޭޕާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެންމެ ގިނަ ޕޮއިންޓާ އެކު ފައިނަލަށް ދަތުރު ކުރި ޓީމަކީ ނޭޕާލެވެ. ލީގް ބުރުގައި ނޭޕާލުން ބަލިވެފައި ވަނީ ހަމައެކަނި އިންޑިއާ ކައިރިންނެވެ. ރާއްޖެ އަދި ލަންކާ ކައިރިން ނޭޕާލަށް މޮޅެއް ލިބުނުއިރު، ބަންގާޅުން ވަނީ ނޭޕާލު 1-1ގެ ނަތީޖާއަކުން ހިފަހައްޓައިފައެވެ. ނޭޕާލް ފައިނަލަށް ދަތުރުކޮށްފައި ވަނީ ބަންގާޅާއެކު ކުޅުނު މެޗުން އެއްވަރުވެ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މުބާރާތުން ނޭޕާލް ބަލިވި ނަމަވެސް، މިއީ އެ ޤައުމުގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ 11.. ފޮޓޯ/އަބްދުﷲ އަބީދް

ސަސްޕެންޝަންގައި ހުރުމުން މިރޭގެ މެޗަށް ނޭޕާލުން ނިކުތީ އެ ޓީމްގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަންޖަން ބިސްތާ ނުލައެވެ. އެންމެ ފަހުން ނޭޕާލް-ބަންގާޅު މެޗުގައި ގޯލް ޖަހައިދީފައި ވަނީ އޭނާއެވެ. އިންޑިއާގެ މުހިންމު ޑިފެންޑަރެއް ކަމަށްވާ ސުބަހަޝީޝް ބޯސް ވެސް ހުރީ ސަސްޕެންޝަންގައެވެ. އެއީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ދެއްކި ރަތް ކާޑާގެ ސަބަބުންނެވެ. މިރޭގެ މެޗަށް ނުކުތްއިރު އިންޑިއާ އަދި ނޭޕާލްގެ ކޯޗުންނަށް ވެސް ބެންޗުން ޖާގައެއް ނުލިބެއެވެ. ނޭޕާލް ކޯޗަށް ދެއްކި ދެ ރީނދޫ ކާޑާއެކު ސަސްޕެންޝަން ހުރިއިރު، އިންޑިއާ ކޯޗްް ހުރީ ރަތް ކާޑަކާ އެކު ސަސްޕެންޝަންގައެވެ.

މިރޭގެ މެޗު ކުޅެފައި ވަނީ ބޯ ވާރޭގައެވެ. އިރުއިރުކޮޅުން ކުޅުންތެރިން ކައްސައިލައިގެން ވެއްޓޭކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ އަދި ނޭޕާލްގެ ބައެއް ސަޕޯޓަރުން މެޗަށް ވަތް ނަމަވެސް، ދަނޑުގެ ބޮޑުބައި އޮތީ ހުސްކޮށެވެ.

މެޗުގެ ބޮޑުބައި ކުޅެފައިވަނީ ބޯ ވާރޭގައި.. ފޮޓޯ/ އަބްދުﷲ އަބީދް (ވަގުތު)

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު، މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައި ވަނީ އިންޑިއާއިންނެވެ. ނޭޕާލަށް ބައެއް ފުރުސަތުތައް ލިބުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އިންޑިއާއިން ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައި ވަނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. ޕްރިތަމް އެސިސްޓްކޮށްދިން މި ގޯލް، ސުނިލް ޗެތްރީ ޖަހައިފައިައިވަނީ ބޮލުން ފޮނުވާލައިގެންނެވެ. މި ގޯލް ކާމިޔާބުކޮށްފައި ވަނީ މެޗުގެ 49 ވަނަ މިނެޓްގައެވެ.

އިންޑިއާގެ ގޯލަށްފަހު ސެލެބްރޭޓް ކުަރަނީ.. ފޮޓޯ/އަބްދުﷲ އަބީދް(ވަގުތު)

އިންޑިއާއިން ދެވަނަ ގޯލެއް ކާމިޔާބުކޮށް، މެޗުގެ ލީޑް ފުޅާކޮށްފައި ވަނީ ފުރަތަމަ ގޯލް ޖެހިތާ މިނެޓެއްގެ ތެރޭގައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ، ސުރޭޝް ސިންހެވެ. މެޗުގެ 53 ވަނަ މިނެޓްގައި ވެސް ސްނިލް ޗެތްރީ ވަނީ އިތުރު ހަމަލާއެއް އުފައްދައިފައެވެ. ނޭޕާލުން ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ 78 ވަނަ މިނެޓްގައި ނޭޕާލުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. ނޭޕާލްގެ ރޯހިތު ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެ ވަރަށް ބާރަށް ފޮނުވައިލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ވެސް އިންޑިއާއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލް ޖަހައިދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ސަޙަލް އަބްދުއްސަމަދެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ތިން ޑިފެންޑަރުން ކައިރިން ނައްޓައިލުމަށް ފަހުއެވެ.

Ads by Allied Insurance
  1. މިކަމާ އުފާކުރާނީ ކިނބޫ ސޮހޮލް ދެން ސޮނި ޖިންނި