ދުނިޔެ

ނިއުޒިލޭންޑްގެ އޯކްލޭންޑްގެ ލޮކްޑައުން އިތުރު 2 ހަފްތާއަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ

ނިއުޒިލޭންޑްގެ އެންމެ ބޮޑު ސިޓީކަމުގައިވާ އޯކްލޭންޑްގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އިތުރު 2 ހަފްތާއަށް އިތުރުކޮށްފިއެވެ.

Ads by WAMCO

ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއެންޓެއްކަމުގައިވާ ޑެލްޓާ ވޭރިއެންޓްގެ ސަބަބުން އެ ސިޓީގައި ލޮކްޑައުން އިއުލާންކޮށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ގެންދަނީ ކުރިއަށްކަމަށް ބޮޑުވަޒީރު ޖެސިންޑާ އާރޑެން ވަނީ ވިދާޅުވެފައެވެ.

އާކްލޭންޑްގެ އާބާދީގެ 89 އިންސައްތަ މީހުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 70 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ވެސް ޖަހައި ވެކްސިން ފުރިހަމަކޮށްފައެެވެ. އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަދިވެސް އެސިޓީ ހުޅުވައިނުލާން ނިންމީކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އޯކްލޭންޑްގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއްގެއަށް ދިޔުން މަނާކުރުމާއި 10 މީހުންނަށް ވުރެ ގިނަ މީހުންގެ ބައްދަލުވުންތައް ވެސް ވަނީ މަނާކޮށްފައެެވެ. އެސިޓީގެ އެލާޓް ލެވެލް 3ގައި ވާއިރު އެހެން ސިޓީތަކުގެ އެލާޓް ލެވެލް ވަނީ 2އަށް ދަށްކޮށްފައެެވެ.

މިގަވާއިދުތަކަށް ބޯލެނބޭ ނަމަ ނިއުޒިލޭންޑް ފަސޭހަކަމާއެކު ކޮވިޑުން ސަލާމަތް ވެފައިވާ ގައުމަކަށް ވާނެކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ނިއުޒިލޭންޑްގެ މުޅި އާބާދީގެ ތެރެއިން ވެކްސިންޖެހޭ މީހުންގެ 82 އިންސައްތަ މިހާރު ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި 55 އިންސައްތަ މީހުން ވަނީ ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައެވެ.

ދުނިޔޭގައި ފެތުރު ބޮޑު ބަލިމަޑުކަމުން ދުނިޔެ މަޑުމަޑުން ސަލާމަތް ވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާއިރު ކޮވިޑް-19ގެ ސަބަބުން ގައުމުތަކުން އެޅި ފިޔަވަޅުތައް މަޑުމަޑުން އުވާލަމުން ލުއިދެމުން ދާކަން ފާހަގަކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!