ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕީޖީ ޝަމީމް ހިތުހުރި ގޮތަކަށް ކަން ކުރައްވާތީ އަފީފު ކަންބޮޑުވުން ފާޅުކުރައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހިތުހުރި ގޮތަކަށް ކަން ކުރައްވާކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by MWSC

އޮޑިޓާ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރުގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހިނގަމުންދާ ގޮތް އޮޑިޓް އޮފީހުން ވަރަށް ރަނގަޅަށް ބަލަމުން ދާކަމަށެވެ. އެހެން ނަމަވެސް އޮޑިޓް އޮފީހުން އިސްލާހު ކުރަންޖެހޭކަން ފާހަގަކުރަމުންދާ ބައެއް ކަންކަން އިސްލާހު ކުރަމުން ނުދާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

އަފީފު ފާހަގަކުރެއްވީ ރާއްޖެ ގެންނަން ހެލްތު މިނިސްޓްރީއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލައެވެ. އެގޮތުން ދައުލަތުގެ ފައިސާއިން 30 މިލިއަން ރުފިޔާ މާލިއްޔަތު ގާނޫނާ ހިލާފަށް ދުބާއީ ކުންފުންޏަކަށް ފޮނުވި މައްސަލަވެސް އޮޑިޓް އޮފީހުން ބަލައިފައިވާ ކަމަށާއި އެ މުއާމަލާތް ހިންގައިފައި ވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ވެސް ހިލާފަށްކަން އެ އޮފީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

"ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލަކަށް އޭގެ އުންސުރު ހަމައެއް ނުވި. ދެން އަޅުގަނޑަކަށް ނޭނގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އުންސުރު ހަމަނުވަނީކަމެއް. މިދަންނަވާ ރިޕޯޓުގެ އުންސުރު ހަމަނުވަނީކަމެއް." ޕީޖީ ޝަމީމަށް ފާޑުވިދާޅުވަމުން އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ މިފަދަ ކަންކަން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން މުއައްސަސާއެއް ވިޔަސް ހިތުހުރި ގޮތަކަށް ކަން ކުރެވިގެން ނުވާނެކަމަށެވެ.

"ދައުލަތުގެ ކަންތައްތައް، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ކަންތައްތައް ކުރައްވަން ޖެހޭނީ" އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ މިފަދަ ކަންކަން ބަލަން އޮތް ފަރާތަކީ ރައްޔިތުންގެ މަޖިލިސްކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކަން ކުރާނަމަ އެކަން އިސްލާހުކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގަންނަން ދައުލަތުން ކުރި މުއާމަލާތުގައި ހެލްތު މިނިސްޓްރީން 30 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި މިމައްސަލައިގައި ކޮރަޕްޝަން ހިމެނޭތީ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން މިނިސްޓްރީގެ އިސް ވެރިންތަކަކަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އުންސުރު ހަމަނުވާކަމަށް ބުނެ ޕީޖީ އޮފީހުން އެ މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!