އެމެރިކާގައި އުމުރުން 11 އަހަރާއި 5 އަހަރާ ދެމެެދުގެ ކުދިންނަށް ކޮވިޑް-19އިން ރައްކާތެރިވުމަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ ދިނުމާ އެކު ވެކްސިންޖަހަން ފަށަން ތައްޔާރުވެއްޖެއެވެ.
އަންނަ ނޮވެމްބަރ،ޑިސެމްބަރުގެ ބަންދު ދުވަސްތަކުގެ ކުރިން ކުދިންނަށް ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކުރެވޭނެކަމަށް އުއްމީދުގައި އެމެރިކާއިން ވެކްސިން ޖަހަން ތައްޔާރުވަމުންދާއިރު މި އުމުރުުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދޭނީ އަންނަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައިކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އެމެރިކާގެ ބައިޑެން އެޑްމިނިސްޓްރޭޝަނުން މިހާރު މިއުުމުރުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ނޭޝަނަލް ކެމްޕޭނެއް ފަށަން ތައްޔާރުވެފައިވާއިރު މިއުމުރުގެ 28 މިލިއަން ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ޝަރުތު ހަމަވެއެވެ.
އެމެރިކާގެ 25،000އަށް ވުރެ ކުޑަކުދިންގެ ޑޮކްޓަރުންނާއި ޕްރައިމަރީ ކެއަރ އޮފިޝަލުން މިހާރު ވަނީ ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެމެރިކާގެ ކުޑަކުދިންގެ ވެކްސިން ކެމްޕޭން ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ސުކޫލުތަކާއި ކޮމިއުނިޓީ ކްލިނިކްތަކަށް ފެޑަރަލް އެމަޖެންސީ މެނޭޖްމެންޓް އެޖެންސީން ފައިސާގެ އެހީއާއި އެހެނިހެން އެހީތައް ދިނުމަށް ނިންމައިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެެ.
ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ގައުމުތަކުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑެތި ކެމްޕޭންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.