އުތުރު އެމެރިކާގައި އޮންނަ ހަތަރުވަނައަށް އެންމެ ބޮޑު އެއާލައިން، ސައުތުވެސްޓް އެއާލައިންއިން ދަތުރުކުރާ ފަލަ މީހުން 2 ސީޓު ގަންނަން ޖެހޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
އަންނަ އަހަރުގެ ޖެނުވަރީ 27 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، އެއް ސީޓަށް ފިޓު ނުވާ ފަލަ މީހުން ދެ ސީޓު ގަންނަން ޖެހޭ ގޮތަށް ބަދަލުކުރީ އެފަދަ މީހުންނަށް ފްލައިޓުގައި ބޮޑު ޖާގަ ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.
އާ އުސޫލުގެ ދަށުން، ފްލައިޓު ފުލް ނުވާނަމަ އިތުރަށް ގަންނަ ސީޓުގެ ފައިސާ ރިފަންޑު ކޮށްދޭނެއެވެ. ރިފަންޑު ހޯދުމަށް ފްލައިޓް އޮންނަ ދުވަހުން ފެށިގެން 90 ދުވަސްތެރޭގައި ހުށަހަޅަން ޖެހޭނެއެވެ. އަދި އިތުރު ސީޓެއް ނުގަންނަ ފަލަ މީހުން، އެއާޕޯޓަށް އައިސް އިތުރު ސީޓަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.
މިއަހަރުގެ މޭ މަހާ ހަމައަށް ސައުތުވެސްޓް އެއާލައިނުން ދަތުރުކުރި ޕެސެންޖަރުން އަމިއްލައަށް ބޭނުން ސީޓެއް ބުކް ކުރެވޭ ގޮތަށް އޮތްއިރު ލަގެޖަށް އިތުރު ފައިސާ އެއްވެސް ދައްކާކަށް ނުޖެހެއެވެ. ނަމަވެސް މިހާރު އެ އުސޫލު ވެސް ވަނީ ބަދަލުކޮށްފައެވެ.
