އެމެރިކާ ދުނިޔެ

މެޓް ގާލާ 2024: ފަލަސްތީނުގެ ދިފާއުގައި މުޒާހަރާ ކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެޓް ގާލާ 2024 ކުރިއަށް ދިޔަ ސަރަހައްދުގައި މުޒާހަރާ ކުރަނީ

ނިއުޔޯކް — އަހަރަކު އެއްފަހަރު ބާއްވާ އޭ ލިސްޓުގެ ތަރީންގެ ބިޔަ ހަފްލާ، މެޓް ގާލާ، ހޯމަ ދުވަހުގެ ހަވީރު މެންހަޓަންގެ އަޕަރ އީސްޓް ސައިޑްގައި ހުންނަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި ކުރިއަށް ދަނިކޮށް ފަލަސްތީނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާ ކޮށްފި އެވެ.

Ads by Sosun Fihaara

މެޓް ގާލާގެ ރެޓް ކާޕެޓް އިވެންޓު ކުރިއަށް ދިޔަ އެވެނިއުއާއި ތަންކޮޅެއް ދުރުން ވަނީ ސެކިއުރިޓީ ބެރިކޭޑުތައް ޖަހައިފަ އެވެ. މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަމުން ދިޔައީ ބެރިކޭޑުގެ ފަހަތުންނެވެ. އެންވައިޕީޑީން ކުރިން ބުނެފައި ވަނީ ނިއުޔޯކުގައި ބާއްވާ ފެޝަންގެ އެންމެ ބޮޑު ރޭ "އެކަށީގެންވާ ސެކިއުރިޓީ ޑިޕްލޮއިމަންޓެއް" ހަމަޖައްސާފައި ވާނެ ކަމަށެވެ.

"ޑޭ އޮފް ރޭޖް ފޯ ގާޒާ: ފްރޮމް ދަ އެންކޭމްޕްމަންޓްސް ޓު ދަ ސްޓްރީޓްސް" ގެ ނަމުގައި ހަރަކާތްތަކެއް ފެށީ ހޯމަ ދުވަހުގެ ހަވީރު 4 ޖަހާ އެހާކަންހާއިރު އެވެ. ކޮލަމްބިއާ ޔުނިވާސިޓީ އާއި ނިއުޔޯކް ޔުނިވާސިޓީގައި މި ހަރަކާތް ފެށިއިރު، ހަންޓާ ކޮލެޖުގައި ހަވީރު 5 ޖަހާއިރު ބައްދަލުވުމެއްވެސް ވަނީ ބާއްވައިފަ އެވެ. މެޓް ގާލާ އާއި ދިމާއަށް ހިނގާލުން ގެންގޮސްފައިވަނީ އޭގެ ފަހުންނެވެ.

ފުލުހުން ވަނީ މިއުޒިއަމްއާ ގާތްގަނޑަކަށް ބްލޮކެއް ދުރުގައި މުޒާހަރާގެ ބައިވެރިން ހުއްޓުވައި، މަގުމަތިން ބެރިކޭޑް ޖަހައިގެން އެއްވެސް މީހަކު ނުވަދެވޭނެ ގޮތް ހަދައިފަ އެވެ. ފުލުހުން ބައިޕާސް ކުރާނެ ގޮތެއް ހޯދަމުން ދިޔަހެން ހީވުމުން މުޒާހަރާގެ ބޮޑު ގްރޫޕު ކުދި ހަތަރު ގްރޫޕަކަށް ބައިބައިވި އެވެ.

އެއްވުމުގައި މާ ބޮޑު ހަމަނުޖެހުމެއް ހިނގާފައި ނުވިނަމަވެސް އަވިއައިނު އަޅައިގެން މޫނު ނިވާކޮށްފައިވާ ކަޅު ސްކާފެއް މޫނުގައި އައްސައިގެން ހުރި އެއް އަންހެނަކު ފަލަސްތީނުގެ ވާހަކަ ކިޔައިދޭ ލަވަތަކެއް ކިޔަމުން ދާތީ އަޑުގަދަވެގެން އޭނާގެ އަތުގައި އޮތް ސްޕީކަރު ނިއްވާލަން ސެކިއުރިޓީ އޮފިސަރުން އެދުނެވެ.

ގާތްގަނޑަކަށް ދިހަވަރަކަށް މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައިވެ އެވެ. އެމީހުން ހައްޔަރު ކުރީ ޓްރެފިކް ނުވާ ގޮތަށް ސައިޑްވޯކް އާއި މެޑިސަން އެވޭނޫ އިން ބޭރަށް ބަދަލުވުމަށް އެދުމުން ފުލުހުންގެ އަމުރުތަކަށް އަޅާނުލުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!