އިޒްރޭލު ޕާސްޕޯޓް މަނާކުރާ ނަމަ ރާއްޖެއަށް އެމެރިކާއިން ދޭ އެހީ ކަނޑާލަން ބިލެއް
އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެނުވެވޭ ގޮތް ހަދާނަމަ އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' ގައި ރިޕޯޓުކޮށްފައިވާގޮތުގައި މި ބިލު ހުށަހަޅަނީ އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުމުގެ މަގުސަދުގަ އެވެ. މި ބިލު ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ، ކޮންގްރެސް މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތައިމާ އެވެ.
'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތު)' ގެ ނަމުގައި އޭނާ މި ބިލު ހުށަހަޅުއްވަނީ އިދިކޮޅު ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއީދާ އެކު ވެސް މެއެވެ.
މި ބިލާ ގުޅިގެން އޭނާ ނެރުނު ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ "އިޒްރޭލުގެ ހުރިހާ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް ޓެކްސް ޑޮލަރު ފޮނުވައިގެން ނުވާނެ،" ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަަނާކުރުން އޭނާ ސިފަކުރެއްވީ "ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމުގެ ފާޅުކަން ބޮޑު އަމަލެއް" ގެ ގޮތުގަ އެވެ.
އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި ސްޓޭޓް ޑިޕާޓްމަންޓުން ބުނާގޮތުގައި 2019 އާއި 2023 އާ ދެމެދު އެމެރިކާއިން ވަނީ ރާއްޖެއަށް 36 މިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދީފަ އެވެ.
އިޒްރޭލުން ފަލަސްތީނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކު ރާއްޖެއަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
ބަލަ އެމެރިކާއަށް ދިވެހިންގެ ބަންދެއް
ނުކުރެވޭނެ!