ދުނިޔެ

އިނގިރޭސިވިލާތުން ކޮވިޑް-19 އެންޓިވައިރަލް ހޯދައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިނގިރޭސިވިލާތުން ކޮވިޑް-19އާ ދެކޮޅަށް ބޭނުން ކުރުމަށް އުފައްދައިފައިވާ ދެ އެންޓިވައިރަލް ހޯދުމަށް ފައިޒާ އަދި މާރކް ކުންފުންޏާ އެކު ޑީލް ހަދައިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Ads by Sosun Fihaara

މި އެންޓިވައިރަލްއަށް ރެގިއުލޭޓަރީ އެޕްރޫވަލް ލިބިއްޖެ ނަމަ މި އަހަރު ނިމުމުގެ ކުރިން ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެއެވެ. އެންޓިވައިރަލްއަކީ ވައިރަސްއާ ދެކޮޅަށް ހަނގުރާމަ ކުރާ ޑްރަގެކެވެ. މި ބޭސް ބޭނުން ކުރުމުން ބަލިން ބޮޑުވަރު ނުވެ، ބަލިން ސަލާމަތްވާނެއެވެ. ވެކްސިނާ ޚިލާފަށް އެންޓިވައިރަލް ޑްރަގް ދޭނީ ކޮވިޑް-19 ޖެހުމުންނެވެ. ކޮވިޑް-19 ވެކްސިނަކީ ބަލި ޖެހުމުގެ ކުރިން ބަލިން ދިފާއުވުމަށް ޖަހާ އެއްޗެކެވެ.

އިނގިރޭސިވިލާތުންވަނީ  ކޮވިޑް-19އާ ގުޅިގެން އެޤައުމުގައި އަޅައިފައިވާ ހުރިހާ ފިޔަވަޅެއް އުވައިލައިފައެވެ. ނަމަވެސް ފިނިމޫސުން ކުރިޔަށް އޮތްއިރު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން އިންޒާރު ދެއްވައެވެ. އިނގެރޭސި ވިލާތުންދަނީ ކޮވިޑް-19 ވޭދަނަތައް އިތުރުވެއްޖެ ނަމަ އެންޓިވައިރަލް ބޭނުންކޮށްގެން ކޮވިޑް-19 މަރުތައް ކޮންޓްރޯލް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

"އަހަރެމެންނަށް ޔަގީންކޮށްދިން އާ ދެ އެންޓިވައިރަލް ޑްރަގަކާ އެކު ވަރަށް އަވަހަށް އާ ދިފާއެއް އަތުވެދާނެ،" ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ބުނީ އެ ގައުމުގައި 480،000 ކޯސް ޔަގީންކޮށްފައިވާ ކަމަށާއި އެއީ ހޮސްޕިޓަލްގައި އެޑްމިޓް ނުކުރާ ބަލި މީހުންގެ ގައިގައި ބޭނުން ކުރެވޭނެ އެންޓިވައިރަލް ޕިލްއެއް ކަމަށްވާ މާރކްގެ މޮލްނުޕިރާވީރް ކަމަށެވެ.

މި ޑްރަގްގެ ސަބަބުން ކޮވިޑް-19 ޖެހިގެން އެދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ދަށްކޮށްދޭ ކަމަށާއި، މަރުވާ ރޭޓް 50 ޕަސެންޓަށް ދަށްކުރޭ ކަމަށް ޓްރަޔަލް ޑޭޓާތަކުން ދައްކައެވެ.

ރިޖްބެކް ބަޔޯތެރަޕިއުޓިކްސްއާ އެކު މާރކް ތަރައްގީ ކުރަމުން އަންނަ މޮލްނުޕިރާވިރް ނަމަކަށް ކިޔާ މި ޑްރަގަށް ރުހުން ލިބިއްޖެ ނަމަ، ކޮވިޑް-19އަށް ދޭ ފުރަތަމަ އޯރަލް އެންޓިވައިރަލް ބޭސްކަމުގައި މި ޑްރަގްވާނެއެވެ.

ފައިޒަރއިން ވެސް ދަނީ ކޮވިޑް-19 އަށް ފަސޭހައިން އެންޓިވައިރަލް ޕިލްއެއް އުފެއްދުމަށް ހަލުވި މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!