ޖަލުގައި ހުރި އިރުގެ ތަޖުރިބާއާ އެކު ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދަން އެއްބަހެއް ނޫން: މަހްލޫފް
އަމިއްލަފުޅަށް ޖަލުގައި ހުންނެވިއިރު އާއިލާއާ ދުރުގައި ކުރި ތަޖުރިބާއާ އެކު، ކުރީގެ ރައީސް އަދި އިދިކޮޅުގެ ހަމައެކަނި ސިޔާސީ ލީޑަރު އަބްދުﷲ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދަން ހިތްވަރު ނުދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ރައީސް ޔާމީން އަލުން އަނބުރާ ޖަލަށް ގެންދިޔުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން މީގެކުރިން ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި މިކަމާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ރައީސް ޔާމީނާ މެދު ހިތުގައި ރުޅިވެރިކަމެއް ނެތް ކަމަށާއި ރައީސް ޔާމީން ގެއަށް ބަދަލުކުރި ދުވަހު ވަރަށް އުފާވި ކަމަށެވެ.
"އެއީ އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅާ ދުރުގައި ހުރި ދުވަސް މަތިން. އަޅުގަނޑު އަންހެނުން ކައިރީ ވެސް ބުނިން އަޅުގަނޑުމެން އުފަލެއް ނޫންހޭ ވާންވާނީ ރައީސް ޔާމީން ގެއަށް ވަޑައިގެންނެވުނީމަ" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދަން އޭނާގެ ލަފަޔަކަށް އަހައިފިނަމަ އެކަމަށް ހިތްވަރު ވެސް ނުދެއްވާނެ ކަމަށެވެ. އަދި އެ ދުވަސް މިހާރު މާޒީވެ ގޮސްފައިވާ ކަމަށާއި ސިޔާސީ ކަންކަމުގައި ބައިވަރު ފިލާވަޅު ލިބިފައިވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ޚިޔާލު ތަފާތުވުމަކީ އެކި ޕާޓިތަކުގެ މީހުންނާ ވާހަކަ ނުދެއްކެން ޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވާ މަހްލޫފު ވިދާޅުވީ އެއަށްވުރެ ތަސައްރަފު ފުދިފައިވާ ބަޔަކަށް ވާންޖެހޭކަމަށެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އުފުލައިފައެވެ.