Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މަހްމޫދުގެ މަރު: ރައްޔިތުން ތުހުމަތުކުރި މީހުން ދޫކޮށްލުމުން ބިރުވެރިކަން އިތުރުވެ ރައްޔިތުން ތިބީ ވާނުވާ ނޭނގިފައި!

މަހްމޫދުގެ މަރު: ރައްޔިތުން ތުހުމަތުކުރި މީހުން ދޫކޮށްލުމުން ބިރުވެރިކަން އިތުރުވެ ރައްޔިތުން ތިބީ ވާނުވާ ނޭނގިފައި!

އަނިޔާވެރިކޮށް މަރައިލުމަށް ފަހު އދ. ދަނގެތީ ވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވާ މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފެނުނު އެރަށު މޮނަލާލްޒް މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި އެރަށު މީހުން ތުހުމަތު ކުރި އއ. ތޮއްޑޫއަށް ނިސްބަތްވާ ދެމީހުން ދޫކޮށްލުމާ އެކު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ އެމީހުން މިނިވަން ވުމާއެކު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

"ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި. އެމީހުން ދެން އައިސް ކޮށްފާނެކަމެއް ނޭނގޭ. ދީފާނެ އަނިޔާއެއް ނޭނގޭ. ވާނުވާއެއް ނޭނގޭ އަސްލު މަރުގެ މައްސަލައިގައި. ތިއްބާ އެމީހުން މިނިވަން ވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ބިރުވެރިކަމެއް" މުއާވިޔަތު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އޭނާ ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައިގެ ތަހްގީގް ކުރިއަށް ދާގޮތުގައި ވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި މިއީ ބިރުވެރި މަރެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަން މާ އިސްކަމެއްދީގެން ބަލާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

"މިވަރު ކަމެއްގައި އަސްލު ނޫސް ބަޔާނެއް ނޫން ފުލުހުން ނެރެން ޖެހޭނީ. މީހަމަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައި ރައްޔިތުންނަށް މައުލޫމާތު ދޭން ޖެހޭނެ ކަމެއް. ދެތިން ފޮޅުވަތުގެ ނޫސްބަޔާނެއް ނޫން ނެރެން ޖެހޭނީ. ހަމަގައިމު ވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި" ހިތްހަމަނުޖެހުމާ އެކު އޭނާ ވިދާޅުވިއެވެ.

މުއާވިޔަތު ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހަމައެކަނި ސާލިމްއަށް ކަމަށް ބުނި ނަމަވެސް އެ ވާހަކަ ގަބޫލުކުރަން ދަތިކަމަށާއި އެކަން އެގޮތަށް އެރަށުގެ އެއްވެސް ރައްޔިތަކު ވެސް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެކަކު އެކަނި މީހަކަށް އެވަރުގެ އަނިޔާއެއްދީ އެވަރުގެ ކަމެއް ހިންގިދާނެ ކަމަށް އަމިއްލަ ޒަމީރަށް ވެސް ގަބޫލު ނުކުރެވޭކަމަށް ތަކުރާރުކޮށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"އެމީހުން ދޫކޮށްލިޔަސް ރައްޔިތުން އަދިވެސް ސަސްޕެކްޓް ކުރޭ އެމީހުންނަށް. އެކަކު އެކަނި ކިހިނެތްތޯ މިވަރުގެ ކަމެއް ކުރާނީ. އެހެންވީމަ އެމީހުންނަށް އަދިވެސް އެމީހުން ދޫކޮށްލިޔަސް ތުހުމަތު ކުރޭ ރައްޔިތުން ވެސް" އޭނާ ވިދާޅުވިއެވެ.

މަހްމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތުކޮށްފައި ވަނީ އެ ރަށުގައި އުޅޭ ތޮއްޑޫ ދެމީހުން ކަމުގައިވާ ޖަމްޝާދު، (31އަހަރު)އާއި ހަމަ އެގޭ ޝާރިހް އަލީ، (20އަހަރު) އަށެވެ. އެ ދެމީހުން އެ ރަށަށް އެންމެ ފުރަތަމަ އެރުވީ ވެސް އިތުރު ގޮތެއް ނެތިގެން ކަމަށާއި ދެން އަޔަސް ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން އެމީހުން އެ ރަށަށް ނާރުވައި ވާނެ ގޮތެއް ނޯންނާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫނޫ އަސާާސީގައި އޮންނާނެ ކޮންމެ ރަށެށް ގައި ކޮންމެ މީހަކަށް ވެސް މިނިވަން ކަމާއެކުގައި އުޅެވޭނެކަމަށް. އެހެންވީމަ އަޅުގަނޑުމެންނަކަށް ނެތް އެމީހުން އައީމަ ރަށަށް ނާރުވާ ވާނެ ގޮތެއް. މިއަދު ވެސް ކަައުންސިލުން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިން" ދަނގެތީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތު ކުރި ދެ މީހުން ކަމުގައިވާ ޖަމްޝާދުއާއި ޝާރިހު ބަންދުން ދޫކޮށްލައިފައި ވަނީ އިއްޔެއެވެ.

މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުހައްމަދު ސާލިމް ކިޔާ ބަނގްލަދޭޝްގެ މީހެކެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުންް ވަނީ 15 ދުވަސް ޖަހައިފައެވެ. ތަހްގީގުގެ ބޭނުމަށް އެ ރަށުގެ އެކި ތަންތަނަށް އޭނާ ވަނީ ގެންގޮސްފައެވެ. އަދި އޭނާ ކަންކުރި ގޮތް އޭނާ ލައްވައި ކުޅުވައިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް