ކޮވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން: ނައިބު ރައީސް
ކޮވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެ ނަމަ އެހެން ދޮރެއް ހުޅުވައިގެން ވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެން ވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށް ޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައި އޮތް އިރު ވެސް ފެނިގެން އައީ ދިވެހިރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑު ނުޖެހި ކުރިޔަށް ދިޔަތަން ކަމަށެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާ އެކު ކުރެވިގެން ދިޔަ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ. ކައިރި ޤައުމުތަކުގައި އަދިވެސް ކޮވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކައިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކޮވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓަރިކްޝަންތަކާ މެޝަރސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެމަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވައިދެއްވައިފައެވެ.
ފައިސަލްް ކޮންމެތާކަށްް ގޮއްސަވެސްް ބުނަނީީ އެހަފުލާއަކަށްް ނިސްބަތްވާމީހުނޭޭ އެންމެެ ރަގަޅީީ މީހުންހައްދަންް މަސައްކަތްކުރިޔަސްް ތީބޮޑުވަރުު