އެމްޑީ ސަސްޕެންޑް ކުރި ވާހަކަ އިސްލާމިކް ބޭންކުން ދޮގުކޮށްފި

ބޯޑަށް ނާންގައި ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި މައްސަލައިގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިން ޑިރެކްޓަރ އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑްކޮށްފިކަމަށް ބުނެ ފެތުރުނު ޚަބަރު އެ ބޭންކުން ދޮގުކޮށްފިއެވެ.
އެހްތެޝާމް ސަސްޕެންޑް ކޮށްފައި ވަނީ ބޯޑަށް ނާންގައި 162،000 ޑޮލަރު ނެގި މައްސަލައެއްގައިކަމަށް ބައެއް މީޑިޔާތަކުން ފެތުރި ހަބަރު ދޮގުކޮށް އިސްލާމިކް ބޭންކުން ވިދާޅުވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ސަސްޕެންޑް ކުރަން އަންގައި ލިޔުމެއް ފޮނުވައިފައި ނުވާ ކަމަށެވެ.

ފޮޓޯ: މިހާރު
އޮންލައިން ނޫސް "މިހާރު"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހްތެޝާމް މިހާރު ވަނީ ރަސްމީ ޗުއްޓީއެއް ނެގުމަށް ފަހު ރާއްޖެއިން ފުރައިގެން ގޮސްފައެވެ.
އިސްލާމިކް ބެންކިންގެ ހިދުމަތް ދިނުމަށް ރާއްޖޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ ހިދުމަތް ފެށީ 2011 ވަނަ އަހަރުގެ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެމްއައިބީއަކީ ރާއްޖޭގައި ޝަރްޢިއްޔާގެ އުސޫލުތަކުގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ ބޭންކެވެ.
އެމްއައިބީން ބުނެފައި ވަނީ އެ ބޭންކުގެ އަމާޒަކީ 2025ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ބޭންކިން ސިނާއަތުގައި އެންމެ މަތީ ފަންތީގެ ބޭންކަށްވުމާއި ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތްދޭ އެންމެ ބޮޑު ބޭންކަށް ވުމެވެ.