ދީން

ހިއްމަތްތެރިޔަކަށް ވެވޭނީ ކިހިނެއް؟

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ހިއްމަތްތެރިންނަކީ ކޮބައިތޯއެވެ؟ އާދެ، ހިއްމަތްތެރިންނަކީ އެމީހުން ކުރާ މަސައްކަތުގެ ނަތީޖާ ކައިރި މުސްތަޤްބަލުގައި ނުފެނުނުކަމުގައި ވިޔަސް، ފޫހިވުމެއް، ވަރުބަލިކަމެއް ނެތި ގަދައަޅާ މަސައްކަތްކުރާ މީހުންނެވެ. ހިއްމަތުގެ އަހުލުވެރިންނަކީ، ހާސްމޭލުގެ ދިގު ދަތުރު ވެސް ފެށޭނީ އަޅައިލެވޭ އެންމެ ފިޔަވަޅަކުން ކަން ދަންނަ މީހުންނެވެ.

Ads by STELCO

އަޅުގަނޑުމެންގެ އިސްލާމީ ތާރީޚު ފުރިފައި ވަނީ ހިއްމަތުގެ އަހުލުވެރިންގެ ވާހަކަތަކުންނެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަކީ ހިއްމަތްތެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެއަށް ފަހު، ޚުލަފާއުއްރާޝިދީންނެވެ. އަބޫބަކުރު، ޢުމަރު، ޢުޘްމާނު، ޢަލީއެވެ. އެއަށް ފަހު، ހުރިހާ ޞަޙާބީ ބޭކަލުންނެވެ. އެ ބޭކަލުން ކުރެއްވި ޖިހާދާއި އުފުއްލެވި ބުރައާއި ކުރެއްވި ހިއްމަތަކީ އިންސާނީ ތާރީޚު މިހައި ތަނަށް ދެކެފައި ނުވާ ފަދަ މަތިވެރި ހިއްމަތާއި ހިތްވަރެކެވެ.

މުއުމިނުންގެ ބައެއް ސިފަތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (( وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَاماً )) الفرقان: 74 މާނައަކީ: ”އަދި އެއީ ބުނާ މީހުންނެވެ. އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރިންގެ ކިބައިން، ހިތްތައް ހަމަޖައްސާ ދެނިވި ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވާފާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުން ކަމުގައި (އެބަހީ:މަގު ދައްކާ ބަޔަކު ކަމުގައި) އަޅަމެން ލައްވާފާނދޭވެ! “ މި އާޔަތަށް ނަޒަރު ހިންގާލާ އިރު ފެނިގެން ދަނީ، މުއުމިނުންނަކީ ހަމައެކަނި ހިތުގެ ތަޤްވާވެރިކަމާއި ޞަލާޙުން ފުއްދައިލާ ބައެއް ނޫން ކަމެވެ. މުއުމިނުންނަކީ މަތިވެރި ޢަޒުމެއް ވެރި ބައެއް ކަމެވެ. އެބައިމީހުން ދުޢާ ކުރަނީ، ހަމައެކަނި ތަޤްވާވެރިންގެ ތެރެއިން ލެއްވުމަކަށެއް ނޫނެވެ. ތަޤްވާވެރިންނަށް މަގު ދައްކައިދޭ އިމާމުންކަމުގައި ލެއްވުމަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. ( إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها ) صححه الألباني މާނައީ: " ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ."

ހިއްމަތުގެ އަހުލުވެރިޔަކަށް ވުމަށް ޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ، ފައިދާހުރި ބޮޑެތި ކަންކަމުގައި މަޝްޣޫލުވުމުގެ ތައުފީޤުދެއްވަވާތޯ ދުޢާކުރުމެވެ. ދެވަނަ ކަމަކީ، ތިބާގެ ލަނޑުދަނޑިތައް ހާސިލުވުމުން ލިބޭނެ ބާއްޖަވެރިކަމާ މެދު ވިސްނުމެވެ. އިބުނުލް ޖައުޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ." مَنْ تَذَّكَرَ حَلَاوَةَ العَاقِبَةِ نَسِيَ مِرَارَةَ الصَّبْرِ" ނިމޭކޮޅުގެ ފޮނިކަން ހަނދާންވާ ނަމަ، ކެތްތެރިކަމުގެ ދުވަސްތަކުގެ ހިތިކަން ހަނދާންނެތޭނެއެވެ.". ތިންވަނަ ކަމަކީ، ހިއްމަތުގެ އަހުލުވެރިންނާ އެކު ވަގުތު ހޭދަކުރުމެވެ. ހަތަރުވަނަ ކަމަކީ، ކުރިޔަށްދާނެ ގޮތުގެ މަގުޗާޓެއް ހަދައި، އެ މަގުޗާޓުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ކުރިޔަށް ދިޔުމެވެ. ފަސްވަނަ ކަމަކީ، النفس الأمارة بالسوء ނުވަތަ ނުބައި ކަންކަމަށް އަމުރުކުރާ ނަފުސުން ތިބާ ކަންނެތްކަމުގެ މަގަށް ދިޔުމަށް ގޮވައިލާ ގޮވައިލުންތަކަށް އިޖާބަ ނުދިނުމެވެ.

އިސްލާމީ އުއްމަތް ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަމައްދުނާއި ކުރިއެރުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން ބޭނުން ވާ ކަމުގައި ވަނީ ވިއްޔާ، އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ ކަންނެތްކަން ފިލުވައިލައި، ޢަޒުމާއި ސާބިތުކަމާ އެކު އުއްމަތަށް ފައިދާ ހުރި މަތިވެރި ކަންކަމުގައި ހިއްމަތް ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!