ލައިފްސްޓައިލް ލުއި ޚަބަރު

ހަގީގީ އެކުވެރިންނަކީ، އަނެކާގެ ކާމިޔާބީއާ މެދު ހަސަދަވެރި ނުވާ މީހުންނެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޒަމާން ވަރަށް ބޮޑަށް ވެސް ބަދަލުވެއްޖެއެވެ. މަގުތައްމަތިންނާއި ކޮފީ މޭޒުތަކުން ވެސް ފެންނަނީ އެކުވެރިކަމުގެ ރޫހެވެ. އެކަކު އަނެކަކާ އެކީގައި ހީ ސަމާސާކޮށް ހަދާ މަންޒަރެވެ. ދެރަވެ ހިތާމަ ކުރާ ހާލެއްގައި އެކަކު އަނެކަކުގެ ކަރުނަ ވެސް ފުހެދޭ މަންޒަރެވެ. އެފަދަ މަންޒަރުތައް ފެނުމުން، އެއީ ހާދަ އެކުވެރި ބައެކޭ ހިތަށް އަރާ މީހުން މަދެއް ނޫނެވެ.

Ads by STELCO

ނަމަވެސް ހަގީގަތުގައި ވެސް މަންޒަރު މި ފެންނަނީ އޭގެ އެންމެ ސާފުކަންމަތީގައިބާއޭ ހިތަށް އަރައެވެ. އެންމެން އެއްގޮތެއް ނުވާނެކަމާއި، ދުނިޔޭގައި އުޅެނީ ތަފާތު އެކި މިޒާޖުގެ މީހުންކަން ޤަބޫލު ކުރެވެއެވެ.

އެހެންކަމުން އެކުވެރިންގެ ތެރޭގައި ވެސް އުޅެނީ ތަފާތު އެކި މިޒާޖުގެ މީހުންނެވެ. ތެދަށް ބުނަނީ ނަމަ، މިއީ ހަގީގީ އެކުވެރިން މަދުވެ، ހަތުރުވެރިން ގިނަ ޒަމާނެކެވެ.

ކައިރީގައި އުޅޭއިރު ތިމާއަށް ވަރަށް ހެޔޮ އެދިގެން އުޅޭ ކަމަށް އެފަދަ މީހުން ހެދެއެވެ. ދިރިއުޅުމުގެ ކަންކަމުގައި ސަލާމަޝްވަރާ ވެސް ދެއެވެ. ހަދިޔާބަދިޔާ ދީ، އެކީގައި ގޮވައިގެން ތަންތަނަށް ވެސް ދެއެވެ. އުޅޭ ގޮތުން އެމީހަކީ ތިމާއަށް ލިބިފައިވާ ޖަވާހިރެއް ފަދަ އެކުވެރިއެކޭ ހީވާވަރު ކުރާނެއެވެ.

ނަމަވެސް ގިނައީ މިފަދައިން އުޅެފައި ވެސް، ތިމާއާ މެދު ހިތް ނުބައި މީހުންނެވެ. އަޑި ނުބައި މީހުންނެވެ. ތިމާއަށް ކާމިޔާބީއެއް ލިބިއްޖެ ނަމަ، ހިތާހިތުން އެމީހަކު އެކަމާ ހަސަދަވެރިވެ، ހިތްހަމަ ނުޖެހެވެ. ބައެއްފަހަރު އެފަދަ މީހުން ތިމާ ދެކެ އަންނަ ރުޅިއެއްގެ ސަބަބުން، ސަމާސާ ކުރާ ގޮތަށް ކަމަށް ދައްކައި އެމީހެއްގެ ހިތުގައި ތިމާއަށް ޓަކައި ހަގީގަތުގައި އޮންނަ އެއްޗެއް ދައްކައެވެ. އެ ރުޅިވެރިކަން ބޮޑުވެގެން، ބޮޑު މައްސަލައެއް ޖެހޭ ފަހަރަކުން އެ ހުރިހާ ރުޅިވެރިކަމެއް އެފަދަ މީހުން ބޭރު ކުރާނެއެވެ. ތިމާގެ ސިއްރުތައް ވެސް ބޭޒާރުކޮށް، އެހެން މީހުން ކުރިމަތީގައި ތިމާގެ އަގު ވައްޓައިލާނެއެވެ. ކުރިން ފެނުނު އެކުވެރިކަން، ދެމީހުންގެ މެދުގައި އެ ދުވަހަކުން ނުވެސް ނެތް ފަދައެވެ.

މިއީ ހަގީގީ އެކުވެރިން ކަންކަން ކުރާނެ ގޮތެއް ނޫނެވެ. ކޮންމެ ދެމީހެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހުމަކީ އާންމު ކަމެއްކަން އެމީހުންނަށް އެނގޭނެއެވެ. މައްސަލައެއް، ނުވަތަ ހިތްހަމަ ނުޖެހުމެއް ދިމާވިޔަސް، އެކަކު އަނެކަކުގެ ސިއްރުތައް ހާމައެއް ނުކުރާނެއެވެ. ތިމާ ނެތް ތަނުގައި ނުވަތަ ހުއްޓާ ވެސް، އެހެން މީހުން ކުރިމަތީގައި ތިމާ ދިފާއު ކުރާނެއެވެ. ތިމާ އެންމެ ހިތުގައި ޖެހޭނެ ކަންކަން ތިމާއާ ދެކޮޅަށް ބޭނުމެއް ވެސް ނުކުރާނެއެވެ. އަބަދުވެސް ތިމާއަށް ހެޔޮ ގޮތް މެދުވެރިވުމަށް އެދޭނެއެވެ. އަދި ތިމާއަށް ވެވެން އޮތް ގޮތަކުން އެހީތެރިވެސް ވާނެއެވެ. ހަގީގީ އެކުވެރިންނަކީ އެއީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!