ޚަބަރު ރައްޔިތުންގެ މަޖިލިސް

މެރިޓައިމް އިންޑަސްޓްރީއަށް އުތުރުތިލަފަޅު ބަނދަރު ވަރަށް މުހިންމު: ބޮންޑެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ އުތުރުތިލަފަޅުގައި އަސްކަރީ ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ބޮންޑެ މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ، އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބޮންޑެ ވިދާޅުވީ މެރިޓައިމް އިންޑަސްޓްރީއަކީ ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން މަދުވާ އެއް ސިނާއަތް ކަމަށެވެ. އަދި ހުށަހެޅިފައިވާ ގަރާރުގައި އެ ސިނާއަތް ވަރުގަދަކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް ބޮންޑެ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އޭވިއޭޝަން ސިނާއަތަށް ވެސް ބޮޑު ލޮޅުމެއް އެރިކަމަށާއި އެހެން ނަމަވެސް ލޮޅުން ނާރައި އޮތް ހަމައެކަނި އިންޑަސްޓްރީއަކީ މެރިޓައިމް އިންޑަސްޓްރީކަން ބޮންޑެ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް މި ސިނާއަތުގެ މުހިންމުކަން ނުވިސްނޭކަމަށް ބޮންޑެ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ "މަސްގަނޑު" ސަލާމަތް ކުރުމަށް ޓަކައި އަދި މެރިޓައިމް ސިނާއަތް ވަރުގަދަ ކުރުމަށް ޓަކައި ކޯސްޓުގާޑު ޑޮކްޔާޑެއްގެ ވާހަކަ މިހާރު ދެކެވޭކަން ބޮންޑެ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ ޑޮކްޔާޑަކީ ދިވެހިރާއްޖެއަށް ވަރަށް ނުރައްކާތެރި ޑޮކްޔާޑެއްކަމަށް ބުނެ އިންޑިއާ އައުޓު ގޮވަމުން ދާކަމަށެވެ. ބޮންޑެ ސިފަކުރެއްވި ގޮތުގައި އުތުރުތިލަފަޅު ބަނދަރަކީ މެރިޓައިމް އިންޑަސްޓްރީއަށް ވަރަށް މުހިންމު މަޝްރޫއެކެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވެން އަންނަނީ ދިވެހިރާއްޖޭގައި ކޯސްޓުގާޑު އެހެލާ ބަނދަރެއް ތަރައްގީ ކުރެވިގެން. ކޯސްޓުގާޑު އެހެލާ ބަނދަރު ތަރައްގީކުރުމަށް ޓަކައި 2016ވަނަ އަހަރު ކުރީގެ ސަރުކާރުގެ ރައީސް އެ ސޮއި ކުރެއްވި މުއާހަދާ ނުވަތަ ބައިލެޓްރަލް އެގްރިމެންޓެއްގެ އެކްޝަން ޕްލޭން ފާހަގަކޮށް ދުނިޔޭގެ މުޅި މީޑިއާގައި ވެސް އެ ވާހަކަ އޮތް" ބޮންޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރަން ފެށި އުތުރުތިލަފަޅު ބަނދަރުގެ އެއްބަސްވުމާ ގުޅޭ ގޮތުން ބޮންޑެ ވިދާޅުވީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގައި ވެސް ގެނަސްދީފައިވާކަމަށް ބޮންޑެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުތުރުތިލަފަޅުގެ ބަނދަރަކީ ކޯސްޓުގާޑު ފަދަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބަނދަރެއްކަން ސާފުކޮށް އެނގޭކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި މުޅިން އެހެން ވާހަކައެއް ދައްކަމުން ދާކަމަށް ބޮންޑެ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ތަރައްގީކުރާ އުތުރުތިލަފަޅު ބަނދަރުގެ މަޝްރޫއު ނިމުމުން އެތަން މެއިންޓެއިން ކުރުމަށް "ޓެކްނިކަލް" ބޭފުޅުން ތިއްބަވާނެކަމަށް މީގެ ކުރިން އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބައެއްކަމަށް ބައެއް ފަރާތްތަކުން މީޑިއާގައި ވާހަކަ ދެއްކިއެވެ. މިކަމާ ގުޅިގެން ބޮންޑެ ވިދާޅުވީ މެރިޓައިމް ބަނދަރެއްގައި ސޭފްޓީއާއި ސެކިއުރިޓީ ބަލަހައްޓަން އަންނާނީ އެކަމާ ބެހޭ ހާއްސަ ބަޔަކު ކަމަށެވެ. އަދި އަސްކަރީ ބަނދަރަށް އެ ހިދުމަތް ދޭން އަންނާނީ އަސްކަރިއްޔާގެ ތަމްރީނު ނުވަތަ ކަނޑާ ބެހޭ ތަމްރީނު ލިބިފައި ތިބި ބައެއްކަމަށް ބޮންޑެ ވިދާޅުވިއެވެ.

"މެރިޓައިމް، ދިވެހިރާއްޖޭގެ ޑޯކްޔާޑެއް ހަދަން އުޅުނީމާ އަދި އެމީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އަދި އެއީ މިލިޓަރީ ބައެއް ވީމަ އެމީހުންނަށް ދޭންޖެހޭ އިނާޔަތާ އެއީ ދިވެހި ދައުލަތަށް ނުރައްކާތެރި ކަމެއްކަމަށް ބުނެ ފަތުރަމުން މިހާރު އެދަނީ" ބޮންޑެ ވިދާޅުވިއެވެ.

މެރިޓައިމް އިންޑަސްޓްރީގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ކުރިއަށް ގެންދަވަމުން ބޮންޑެ ވިދާޅުވީ އަސްކަރީ ޑޮކްޔާޑެއްގެ ގާބިލުކަން ހުންނަންވާނެ މިންވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޑްރަގު ގޯންޏެއް ވައްޓައިލުމުން އެ ގޯނި ހޯދަން މަސައްކަތް ކުރެވޭ ފެންވަރުގެ ޓެކްނޮލޮޖީ ހުރުން ކަމަށެވެ. އެވަރުގެ ޑޮކްޔާޑެއް އުތުރުތިލަފަޅުގައި ތަރައްގީކުރަމުންދާކަމަށް ވިދާޅުވެ ބޮންޑެ ވަނީ އެ މަޝްރޫއުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއ ގުޅޭ ވާހަކަތައް އިތުރަށް ކުރިއަށް ގެންދަވަމުން ބޮންޑެ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަލަހައްޓާ ސިފައިންނާއި އިންޑިއާގެ ބޯޑަރު ބަލަހައްޓާ ސިފައިން އަބަދުވެސް ތިބޭނީ ޖެހިޖެހިގެން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ތަޅާފޮޅައެއް ނުގަނެވޭނެ. އަޅުގަނޑުމެންނަށް މި މައްސަލައިގެ ތެރެއަކަށް ނުވަދެވޭނެ. އެކުވެރިކޮށް މަސައްކަތް ކުރަން ޖެހޭނީ. ދިވެހިރާއްޖޭގެ ބޯޑަރަކީ ވަށައިގެން ފާރު ރާނައިފައި އޮތް ބޯޑަރެއް ނޫން" ބޮންޑެ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދެވޭނީ މެރިޓައިމް ސެކިއުރިޓީއެއް ތަރައްގީކުރެވިގެންކަމަށް ބޮންޑެ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!