މުނިފޫހިފިލުވުން ދިވެހި ސިނަމާ

އައު ޑައިރެކްޓަރަކާ އެކު ކަޒްމިކްގެ "ދަރަކަ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ސިނަމާއަށް މުޅިން އައު ޑައިރެކްޓްރަކާ އެކު، ކަޒްމިކް އިންޓަނޭޝަނަލްއިން "ދަރަކަ" ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

ކަޒްމިކްގެ ފަރާތުން އުފައްދާ މި އައު ސީރީޒްއާ ބެހޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން، މި ސީރީޒްގެ އެއް ޕްރޮޑިއުސަރެއް ކަމަށްވާ އިލްޔާސް ވަހީދު (އިއްލެ) ބުނީ، މިއީ ކްރައިމް ތްރިލާ ސީރީޒެއް ކަމަށެވެ.

މި ސީރީޒްގެ ދެވަނަ ޕްރޮޑިއުސަރަކީ އާސިމް އަލީއެވެ.

އިއްލެ ބުނި ގޮތުގައި މި ސީރީޒް ޑައިރެކްޓް ކޮށްފައި ވަނީ ޑައިރެކްޝަނަށް މުޅިން އައު އަޒްހާން އިބްރާހިމްއެވެ. އަޒްހާނަކީ ނޫސްވެރިއެއް ވެސް މެއެވެ. އަދި މީގެ ކުރިން އޭނާ ވަނީ ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް ހޯސްޓު ކޮށްފައެވެ.

"ދަރަކަ"އާ ބެހޭގޮތުން އިއްލެ އިތުރަށް ބުނީ، މި ސީރީޒްގައި ހަރަކާތްތެރިވާ އެކްޓަރުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

މި ސީރީޒްގެ ޓީޒަރ މިހާރު ވަނީ ކަޒްމިކްގެ އިންސްޓަގްރާމް އެކައުންޓުގައި ރިލީޒް ކޮށްފައެވެ. ދަރަކައަކީ ޖުމްލަ 8 އެޕިސޯޑް ހިމެނޭ ސީރީޒެކެވެ. މި ސީރީޒްގެ ޝޫޓިންގެ މަސައްކަތް ފާއިތުވީ ދެ މަސް ދުވަސް ވަންދެން ކުރި ކަމަށާއި މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށް ވެސް އިއްލެ ބުންޏެވެ.

ކަޒްމިކްއިން މިވަގުތު ދަނީ މި އައު ސީރީޒްގެ ސްޓްރީމިންގ ރައިޓްސް ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދަރަކަގެ ސްޓްރީމިންގް ރައިޓްސް ގަންނަން ބޭނުންވާ ފަރާތަކުން 7775677 ނަންބަރަށް ގުޅައިލުމަށް ކަޒްމިކްއިން އެދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!