ހިޔާ ފްލެޓުތަކުގައި ގޭސް ސިސްޓަމް ގާއިމުކުރަން އެޗްޑީސީން ސޮއިކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓްތަކަށް ގޭސް ފޯރު ކޮށްދިނުމުގެ ސިސްޓަމެއް ގާއިމު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު މޯލްޑިވް ގޭސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވް ގޭސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމީ ހިޔާ ފުލެޓްތަކަކީ އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވައި ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށާއި އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ ރައްކާތެރި ގޮތް ކަމުގައި ނުވާތީ ކަމަށެވެ.
އެޗްޑީސީން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެން ކަމަށާއި މި މަސައްކަތް ކުރާނީ އެމްއެންޑީއެފްގެ ގައިޑްލައިންތަކުގެ މަތިންކަމަށެވެ.