ދިއްގަރުގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެނީ

މ.ދިއްގަރުގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެން ފަށައިފިއެވެ.
ދިއްގަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އެ ރަށުން 22 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. މި އަދަދާ އެކު އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 80އަށް އަރައިފައެވެ. އަދި 56 ސުންކެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިހައިތަނަށް އެރަށުން ޖުމްލަ 387 ސުންކު ނަގައިފައިވެއެވެ.
އެ ރަށުން އެންމެ ފުރަތަމަ ވޭދަނައެއް ފެނިފައި ވަނީ ކަރަންޓީނުގައި ނެތް މީހެއްގެ ފަރާތުންނެވެ. އޭނާ ފައްސިވެފައި ވަނީ ކޮވިޑް-19ގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ނެގުނު ސުންކުންނެވެ. އޭނާ ކޮވިޑަށް ފައްސިވުމާ އެކު އޭނާއާ ގާތުން އެއްތާވި މީހުން ދެނެގަނެ އެމީހުން ކަރަންޓީންކުރެވުނެވެ. މީގެ އިތުރުން އެ ރަށަށް އަރައި ފޭބުން ވެސް އެ ދުވަހު ވަނީ މަނާކޮށްފައެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލައިފައިވާއިރު އެ ރަށުގެ ޖުމްލަ 25 ގެއެއް ވަނީ ކަރަންޓީންކުރެވިފައެވެ.