ޚަބަރު ސަރުކާރު

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ޞާލިޙް ރާއްޖެ ވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށް ދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

Ads by STELCO

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ޤައުމުތަކުން، ޒިންމާއަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް26ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރ، ޕްރިންސް ޒެޢިދު ރަޢަދު އަލް ޙުސައިން ހަމަޖައްސަވައިފައެވެ.

ކޮޕް26ގެ ވޯލްޑް ލީޑަރސް ސަމިޓްގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ސުވާލުކުރައްވާފައެވެ.

މި ސަމިޓުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ޙިއްޞާކުރައްވައިފައެވެ. އަދި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ޙިއްޞާކުރައްވަމުން ރާއްޖޭގެ ރަށަކަށް ފަހު ރަށެއް ފެނު އަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށައިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭ ކަމަށާ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)- ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަންއާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ)ގެ އެނަރޖީ ޓްރާންސިޝަން އެކްސެލެރޭޓަރ ފައިނޭންސިންގ ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާޙުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތާ އަދި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފައި ވާއިރު މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންޑަނަށް ދަތުރުކުރައްވައި، ފަތުރުވެރިކަމާއި ދަތުރުފަތުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ ވޯލްޑް ޓްރޭޑް މާކެޓް (ޑަބްލިއުޓީއެމް) 2021އަށް ޒިޔާރަތް ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!