ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ މީޑިއާ އެކްސްޕޯއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި އެކްސްޕޯ ބާއްވަނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާގޮތަށް މިމަހުގެ 17، 18 އަދި 19 ގައެވެ. އެކްސްޕޯ އިންތިޒާމު ކުރަނީ އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުންނެވެ. މި އެކްސްޕޯއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިފަދަ އެކްސްޕޯއެއްގެ މަގްސަދަކީ މިސަރުކާރުން ވޭތުކުރި ދަތި 3 އަހަރުގެ މުއްދަތުގައި ވެސް ރައްޔިތުންނަށް ކޮށްދިން މަސައްކަތްތަކާއި ގުޅޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް ބުނެދިނުން ކަމަށެވެ. އެ ގޮތުން ޓެކްނޮލޮޖީ މިނިސްޓްރީން މި އެކްސްޕޯގައި ބުނެދޭނީ ކްލައިމެޓް ޗޭންޖްގެ ދާއިރާއިން ހާސިލްކުރެވުނު ކަންކަމާއި އެކަންކަން ހާސިލް ކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެކްސްޕޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ އެދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސިޔާސީ ގޮތުން އެދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންކަމަށް އަލީ ވިދާޅުވިއެވެ.
"މިއެކްސްޕޯގަ ނޫސްވެރިން ބޭނުންވާ މައުލޫމާތެއް އޮޅުންފިލުވައިގެން، އެއްތަނެއްގަ ތިބެގެން މިކަމުގެ ވާހަކަ ހާމަކޮށްދެވޭނެ." އަލީ ސޯލިހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައުލޫމާތު އޮޅުންފިލުވާއިރު އިދާރީގޮތުން ހުންނަ ސުވާލުތަކަށާއި، ބަޖެޓާ ބެހޭ މައުލޫމާތުތަކަށް ވެސް އެކްސްޕޯގެ ތެރެއިން ޖަވާބު ދެއްވާނެކަމަށެވެ. މިއެކްސްޕޯގައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މިނިސްޓަރުގެ ފަރާތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރައްވާނެކަމަށް އަލީ ވިދާޅުވިއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ފާއިތުވެދިޔަ 3 އަހަރު ހާސިލް ކުރެވުނު ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ވެސް މީޑިއާތަކަށް ފޯރުކޮށްދޭނެކަމަށް އަލީ ވިދާޅުވިއެވެ. މިއެކްސްޕޯ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ވީހާވެސް ތަފްސީލީ ގޮތެއްގައި މީޑީއާއަށް މައުލޫމާތު ހިއްސާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ފަހުގެ ތާރީހެއްގައި ހާމަކުރާނެކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.