ޚަބަރު ސިޔާސީ

ރައީސް ޞާލިހު ގައުމު ރޭޕުކުރުން ހުއްޓައިލާން ރައްޔިތުން ގޮވައިލާން ޖެހޭ: ހިސްޓޯ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންދަވަނީ ދިވެހިރާއްޖެ ރޭޕް ކުރަމުން ކަމަށާއި އެކަން ނުކުރަން ގޮވައިލުމަށް އެ މަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށެއްގެ ރައްޔިތުން ނިކުންނަށް ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިދާނެކަމަށް ހީފުޅު ކުރައްވައި ރައީސް ޞާލިހު މިހާރު ގެންދަވަނީ ރާއްޖޭގެ ވަކިވަކި ރަށްތަކަށް ދަތުރުފުޅު ކުރައްވަމުން ކަމަށެވެ. މި ވޭތުވެދިޔަ ތަނުގައި ކޮޅުމަޑުލު ނޫން ތަނަކަށް ރައީސް ސޯލިހަށް ދަތުރު ނުކުރެވޭކަމަށް ޝިފާގު ވިދާޅުވިއެވެ. ޝިފާގު ވިދާޅުވީ ރައްޔިތުން ނުރުހޭ ކަމެއް ހިނގާ ނަމަ އެކަން ވެރިންނަށް ބުނެދީ އަޑުއުފުލަން ގާނޫނު އަސާސީން ހައްގު ލިބިގެންވާކަން ދަސްކޮށްދެއްވީ ރައީސް ޞާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ.

"ދިވެހި ލޮބުވެތި ރައްޔިތުން އިބްރާހިމް މުހައްމަދު ޞާލިހު އަރާ ކޮންމެ ރަށަކުން ތިބޭފުޅުންގެ ޝުއޫރު ފާޅުކުރައްވާ. މިގައުމު ރޭޕުކުރުން ހުއްޓައިލާން ގޮވާލައްވާ. މިގައުމު ވިއްކުން ހުއްޓައިލާން ގޮވާލައްވާ. ވެރިކަމުން އިސްތިއުފާ ދީފަ ދާން ބޭނުންވާ ތަނަކަށް ދާން ބޭނުންވާ ކަރައަކަށް މިހާރުން މިހާރަށް ރައްކާވާން ތިބޭފުޅުން އަންގަވާ" ޝިފާގު ވިދާޅުވިއެވެ.

އިތުރަށް ޝިފާގު ވިދާޅުވީ ދިވެހި ގައުމުގެ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި މިއީ ރައިސް ނަޝީދާއި ރައީސް ސޯލިހު އަދި އެމަނިކުފާނުގެ "ބަފައިކަލޭގެ"ގެ ގައުމު ނޫންކަ މަށެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާއަށް އިޝާރާތް ކުރައްވައި ޝިފާގު ވަނީ މިގައުމަކީ ކެރަފާއާއި ސިއްކަގެ އަމިއްލަ ތަރިކަ މުދާ ނޫންކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ފާޑުވިދާޅުވެ ޝިފާގު ވިދާޅުވީ އުތުރުކަރައިގެ "މޮހޮދޭ"އަށް ގައުމު ވިއްކާތަން ބަލަހައްޓައިގެން ތިބެން ރައްޔިތުންނަށް ނުޖެހޭނެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކުޅުދުއްފުށީގައި ދެމި ބެނާއަކަށް ކެތް ނުކުރެވިގެން ފުލުހުން ފޮނުވައިގެން އެ ބެނާ ނެގިކަމަށް ޝިފާގު ވިދާޅުވިއެވެ.

"އިބްރާހިމް މުހައްމަދު ޞާލިހު ގައުމަށް ގައްދާރުވެފަ، ތިބޭފުޅުންގެ ރަށަށް ގައްދާރުވެފަ، ތިބޭފުޅުންނަށް ޓަކާ ވިވައުދުތައް ނުފުއްދާ، ތިބޭފުޅުންގެ ފަސްގަނޑަށް އަރައިގެން ހިތުހުރި ގޮތަކަށް އުޅެން ތިބޭފުޅުން ދޫކޮށްލާކަށް ނުޖެހޭ" ޝިފާގު ވިދާޅުވިއެވެ.

ޝިފާގުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުން ނުރުހޭ ކަންކަމުގައި މަގުމައްޗަށް މުޒާހަރާއަށް ނިކުތުމަށާއި ބެނާ ވެސް ދެމުމަށް ގޮވައިލައްވައިފައެވެ. އަދި ރައްޔިތުންނަށް ވި ވައުދު ނުފުއްދަވައި ރައީސް ޞާލިހު ރައްޔިތުންގެ އިމާރާތަކަށް ވަނަ ނުދިނުމަށް ވެސް ޝިފާގު ގޮވައިލެއްވިއެވެ. ސަރުކާރާ ދެކޮޅަށް ނިކުންނަ ރައްޔިތުންނަށް އަނިޔާ ކުރާނެކަމަށާއި އެހެން ނަމަވެސް ބައި މިލިއަން ރައްޔިތުންގެ އާބާދީ ނައްތައިލަން ސަރުކާރަށް ނުކެރޭނެކަމަށް ޝިފާގު ވިދާޅުވިއެވެ. އެހެންކަމުން ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ޝިފާގު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!