މުއައްޒަފުން މަސައްކަތްކުރާ ވަގުތު އިތުރުކުރަން މަޝްވަރާ ކުރަނީ

ސަރުކާރުގެ މުއައްޒަފުން މަސައްކަތްކުރާ ވަގުތު އިތުރު ކުރަން ވޭޖް ބޯޑުން ލަފާ ދީފައިވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް އިއުލާން ކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު 8 ގަޑިއިރަށް އިތުރުކުރަން ވޭޖް ބޯޑުން ލަފާ ދީފައިވާކަމަށާއި އެކަމާ މެދު ވިސްނައި ގޮތެއް ނިންމަވާން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ދިގު އިންތިޒާރަކަށް ފަހު މިނިމަމްވޭޖް ކަނޑައަޅައިފައިވާ އިރު މަސައްކަތުގެ ވަގުތު އިތުރު ކުރާ ފަދަ އިޝާރާތެއް މިނިސްޓަރ ފައްޔާޒު ދެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.
މިހާރު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރު ފަހު 2އަށެވެ. ވަގުތު އިތުރުކުރުމަކީ މިނިމަމް ވޭޖާ އެކު ސަރުކާރުން މުއައްޒަފުން މާޔޫސްކޮށްލި ކަމެއް ކަމުގައި ބުނެ ޝޯޝަލް މީޑިޔާގައި އާއްމުން ވަނީ އަޑު އުފުލަން ފަށައިފައެވެ.
މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރައަކީ ކުދި ވިޔަފާރިތަކަށް މަހަކު 4500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7000ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8000ރުފިޔާ، އަދި ދައުލަތުގެ މުވައްޒަފުންނަށް މަހަކު 7000 ރުފިޔާއެވެެ.
އެހެން ނަމަވެސް މިދިޔަ އަހަރު އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލަފާދީފައި ވަނީ 6،400 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.





ކޮމެންޓް